ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކްރީ އަދި ގްރެނާޑާގެ ހާރިޖީ ވަޒީރު އޮލިވާ ޖޯސެފް އާ ވަކިވަކިން ފޯނުން ގުޅުއްވާ ވާހަކަ ދައްކަވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކްރީއާ ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ދިވެހިރާއްޖެ އާއި މިސްރާއި އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވާ، ބައިނަލްއަގްވާމީ މަސްރަހުގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
ދެގައުމުގެ ހާރިޖީ ވަޒީރުން ވެސް ކޮވިޑް-19 ގެ ސަބަބުން ދެ ގައުމަށް ދިމާވި ދަތިތަކާއި ބަލިމަޑުކަމުން އަރައިގަތުމަށް ދެގައުމުން ކުރި އަދި ކުރަމުންދާ ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ މަސްރަހުގައި މިސްރުން ރާއްޖެއަށް ދޭ އެހީ އާ އެއްބާރުލުން ފާހަގަކުރައްވާ ޝާހިދު މިސްރުގެ ހާރިޖީ ވަޒީރަށް ޝުކުރު ދަންނަވާފައިވާ ކަމަށެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ގްރެނާޑާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ބިޒްނަސް އަދި ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) އެފެއާޒް، އޮލިވާ ޖޯސެފްއާ ވާހަކަ ދައްކަވަމުން ޝާހިދު ކޮވިޑް-19ގެ ސަބަބުން ދެގައުމަށް ކުރިމަތިވި ދަތިތަކަށް އަލިއަޅުވާލާ އެބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރާއްޖެ އާއި ގްރެނެޑާއަކީ ކުރިއަރަމުންދާ ކުދި ޖަޒީރާ ދެގައުމުކަން ފާހަގަކުރައްވާ ޝާހިދު ކޮވިޑުން އަރައިގަތުމުގައި ހުރި ދަތިތަކާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ދެގައުމުގެ ދެެމެދުގައި އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖްތަމައުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.