ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުން އައިސް ގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފައިސަަލް އާލާސްކަންފުޅާ އުޅުއްވާތީ ރޭގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ ކަަމަށެވެ. އަދި ހޮސްޕީޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ކޮވިޑް ޓެސްޓް ހަދާފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގަތީ މާ ބޮޑަށް ހުން އައިސްގެން އުޅުއްވާތީ ކަމަށާއި މިހާރު ދަނީ ތަހުލީލުތައް ކުރަމުން ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް ބަލި މަޑުކަން ފެތުރެން ފެށީ ފަހުން ރާއްޖޭގެ އިސް ވެރިންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިދިޔަ އަހަރު ފަރުވާ ހޯއްދަވާފައެވެ. އެ މަނިކުފާނު އޭރު ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައި ވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެގެންނެވެ.