މި ސަރުކާރު ފެއިލް ވެފައިވާ ކަމަށާއި ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންގެ ހުރިހާ ކަމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ހަވާލުކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

މިއަހަރުގެ ރައްޔިތުން މަޖިލިސް ހުޅުއްވައިދެއްވާ ރައިސް އިބްރާހިމް މުހައްމަދު ސޯލިހް މިމަހުގެ ކުރީގެ ކޮޅު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން މަޖިލީހުގައި އިއްވި ބަޔާނުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށާއި ރައްޔިތުންގެ ހުރިހާ ކަމެއް އެޗްޕީއޭއާ ހަވާލުކުރުމުގެ ސަބަބުން ރައްޔިތުންގެ ކަންކަން ބޮއްސުންލާފައިވާކަމަށެވެ.

އަދި އެޗްޕީއޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލާ، އެ މުވައްސަސާ ސިޔާސީކޮށް، އެ މުވައްސަސާގެ ނަން ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ބޭނުންތަކުގައި ހާއްސަ ހުއްދައިގެ ދަށުން ސަރުކާރުން ރަށްރަށަށް މީހުން ފޮނުވައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް
ސަލީމް

އޭގެ އިތުރުން އަތޮޅުތެރެއަށް ކޮވިޑް ފެތުރުނީ ސަރުކާރުން އަތޮޅުތެރެއަށް ދަތުރުތައް ކުރުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަށްރަށަށް ބަލި ފެތުރެމުން ދިއުމަކީ، ހާއްސަކޮށް އައްޑޫސިޓީއާ ފުވުއްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި އާދަޔާ ހިލާފަށް ކޮވިޑު ފެތުރެން ފެށުމަކީ ސިއްހީ މާހިރުން ހަދާފައިވާ އުސޫލުތަކަށް ސަރުކާރުން އިހުތިރާމު ނުކުރުމުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް އޭނާ ފާހަގަ ކުރެެއްވިއެވެ.

އަދި ކޮވިޑް ތެރޭގައި ހިންގި ކޮރަޕްޝަނަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށާއި، އެކަންކަން ތަހުގީގެއް ނުކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން ކޮރަޕްޝަނަށް ދީފައިވާ ޒީރޯ ޓޯލަރެންސް ސިޔާސަތު ފެއިލް ވެފައިވާކަން ހާމަވާކަމަށް އިދިކޮޅުން ފާހަގަ ކުރިއެވެ.

ކޮވިޑްގެ ތެރޭގައި ގިނަ ޒުވާނުންތަކެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށައި އެ ވަޒީފާ ގެއްލުނު ފަރާތްތަކަށް ވަޒީފާ އަނބުރާ ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާކަން ވެސް މެންބަރު ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.