މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރަށް ދިފާއީ ހެކި ހުށަހެޅުމަށް 5 ދުވަސް ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމަށް ބޭއްވި އަޑުއެހުމެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ފަރާތުން އޭނާއާ ދެކޮޅަށް 21 ހެކި ހުށަހަޅަފައިވެއެވެ.

މީގެ އިތުރުން، މިއަދުގެ ޝަރީއަތުގައި އޭނާގެ ފަރާތުން ލިޔުމުން ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި ކަމަށްވެސް ޕީޖީން މައުލޫމާތު ދެއެވެ.

އޭނާގެ މައްޗަށް ދައުލަތުން 21 ދައުވާއެއް ކޮށްފައި ވާއިރު، އާތިފްގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި މަރިޔަމް ނިހާޔަތު އާތިފްގެ އިސް ގާޒީއަކަށް ބަލައިނުގަތް މައްސަލަ އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމާފައި ވަނީ އެއީ އިދާރީ ނިންމުމެއް ކަމުން އެ ނިންމުމުގެ އިސްތިއުނާފު ބަލައި ނުގަނެވޭނެ ކަމަށެވެ.

އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން ނުވަތަ އެއް އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ޖޫރިމާނާ ކުރުމާއެކު ޖަަލަށް ލުމެވެ.

އާތިފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި، ޝައްކު ކުރެވޭ މުއާމަލާތެއް ރިޕޯޓު ނުކުރުމުންނެވެ.

ނޮވެމްބަރު 25، 2014 ގައި ކުރި އެ މުއާމަލާތުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ 59.45 މިލިއަން ރުފިޔާއެވެ. އެ މުއާމަލާތަކާ ގުޅިގެން ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް އެފްއައިޔޫއަށް ފޮނުވުމުން އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައެއް ނުވެއެވެ.

އާތިފު އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު، އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށް "ދަޕްރެސް" އަށް މީގެކުރިން އާތިފް ވަނީ ވިދާޅުވެފައެވެ.

އާތިފް ވިދާޅުވީ، އޭނާ މަގާމު ފުރުއްވި ހަތް މަސް ދުވަހު އެފްއައިޔޫން ހިންގާފައިވާ އަމަލުތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މަނީ ލޯންޑަރިންގެ އަމަލުތައް ހިނގަމުން ދިޔަ ކަމަށާއި، އޭނާއަށް ފަހު އެފްއައިޔޫގެ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅުން ވެސް އެ ކަމުގެ ޒިންމާ އުފުއްލަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.