ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެގޮތައް ނިންމަވާފައި ވަނީ މިއަދު މެންދުރުފަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

އެ އިނާމުގެ ތަފްސީލު ދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ވަނީ ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ހިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ހިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމާބެހޭ މަސައްކަތް، ގައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި، އިނާމު ދެއްވުމުގެ އުސޫލު އެކޮމިޓީން ކަނޑައެޅުއްވުމުން، އެ އުސޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ހިޔާލު ހޯއްދަވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.