ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އައްޔަން ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުން ބުނީ މިމަޖިލީހަށް ފަނޑިޔާރު މަހާޒް ހަމަޖައްސާފައިވަނީ މިއަދު ކަމަށެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރަކާގުޅޭ ޝަކުވާތައް ބަލައި، ޖޭއެސްސީން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމުން އެފަދަ މައްސަލަތައް ބެލުމަށް އެކުލަވާލެވޭ މަޖިލީހެކެވެ.

މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މަހާޒް ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވާފައެވެ.

2012 ވަނަ އަހަރު ޑްރަގް ކޯޓުގެ ގާޒީ ކަން ކުރައްވާފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރުން އައްޔަން ކުރަނީ އެއް އަހަރަށެވެ. އެގޮތުން މިދިޔަ އަހަރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަރާތުން ހަމަޖައްސާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެއެވެ.