ރާއްޖެއިން އިންސާނީ ހައްގުތަކުގެ ދާއިރާގައި ލިބުނު ކާމިޔާބަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ފްރޭމްވޯކްގެ ކާމިޔާބު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެހެން ވިދާޅުވީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި ޝާހިދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓު ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ އެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށް ދާނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވާޗުއަލް އިވެންޓްތަކެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަގައި، އެންމެ ފަހުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ގައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒް ކުރުމަށް މަސައްކަތް ކުރަމުން ދާކަން ފާހަގަ ކުރައްވާ އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒު ކުރިކަން ފާހަގަ ކުރެއްވިއެވެ. އަދި އދގެ ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހުޅުވާލި ދައުވަތަށް ބަދަލެއް ނާންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ ފަރާތްތަކުގެ ޒިޔާރަތް ތަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިގާލީ އިންސާފު ގާއިމް ކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ ގޮތުންވެސް ޝާހިދު ވަނީ ވާހަކަ ދައްކަވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކަށް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ.
ކޮވިޑުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރު ކޮށްދޭ އިންސާނީ ހައްގުތަކަށް ސަމާލުވުމަށް ޝާހިދު ގޮވާލެއްވިއެވެ. އަދި ގޮންޖެހުން ތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަ ނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށް ދާނީ ފެބްރުއަރީ 22 އިން މާޗް 23 އަށް ކަމަށެވެ. އެގޮތުން އެކިއެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން 13 އިންޓަވެންޝަނެއް ރާއްޖެއިން މިފަހަރުގެ ސެޝަންގައި ހަދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އދގެ "ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އެންޑް އަދާ ކްރުއެލް، އިންހިއުމޭން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދިވެހިރާއްޖެއާ ގުޅޭ "ޔޫޕީއާރް އައުޓްކަމް ރިޕޯޓް" އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.