ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ އޭޝިއާގެ ދެ ބާރުގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރުގައި މަސްރަހު ނުތަނަވަސް ވެފައިވާ ސަރަހައްދުން ދެ ގައުމުގެ އަސްކަރީ ފައުޖުތައް ދުރަށް ޖައްސާ ނިންމައިފިއެވެ.

އިންޑިއާއިން ބުނީ ހިމާލަޔާސް ބޯޑަރު ސަރަހައްދުން ޗައިނާއާއި އިންޑިއާގެ އަސްކަރީ ފައުޖުތައް ބާލާ ނިންމާފައި ވާ ކަމަށެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދު ނުވަތަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި، ދެ ގައުމުން އަސްކަރީ ސަފުތައް ރުކުރުވާލީ އޭޕްރިލް 2020 ގައެވެ.

މަސްރަހު ނުތަނަވަސްވެފައިވާ ސަރަހައްދުން ސިފައިން ބޭލުމަށް ދެ ގައުމުގެ އަސްކަރީ ކޮމާންޑަރުން އެއްގަލަކަށް އެރީ މިމަހު ކުރީކޮޅުގައެވެ.

ދެ ގައުމު ގުޅިގެން އާންމު ކުރި ބަޔާނަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ދެ ފަރާތުން ވެސް ވަނީ، ޕަންގޮންގް ލޭކް ސަރަހައްދުން އަސްކަރިއްޔާ ބޭލުމުގެ މަރުހަލާ، އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށް ދިޔަ ކަން ފާހަގަ ކޮށްފައެވެ. މިއީ އެލްއޭސީ ސަރަހައްދުގައި އުފެދިފައިވާ އިތުރު ނުތަނަސް ކަމަށް ހައްލު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ބަޔާނުގައި ވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އުފެދި، ކުރިމަތިލުމަކަށް ދިޔައެވެ. މި ކުރިމަތިލުންތަކުގައި އިންޑިއާ އަސްކަރިއްޔާގެ 20 މެންބަރަކާ، ޗައިނާ އަސްކަރިއްޔާގެ މެންބަރުންތަކެއް މަރުވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު، 3500 ކިލޯމީޓަރަށް ދެމިގެންދާއިރު، މި އިމާ މެދު ފުރިހަމަ އެއްބަސްވުމަކަށް އައުމަށް، ދެ ގައުމުން ވަނީ، 1962 ވަނަ އަހަރުގެ ހަނގުރާމަ އަށް ފަހު، އަދާ ޖެހުނުއިރު ވެސް ފެއިލްވެފައެވެ.