މަތީ ތައުލީމަށް ދޫކުރާ ލޯނު ދޫކުރާއިރު މިފަހަރު ކޮންމެ ރަށަކަށް އަދު ކޮންމެ އަތޮޅަކަށް ވަކިވަރެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ ގއ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސުޓޫޑެންޓް ލޯނު މިފަހަރު ދިނުމަށް ނިންމާފައި ވަނީ ކޮންމެ ރަށަކަށް ވަކި ވަރެއް، ކޮންމެ އަތޮޅަަކަށް ވަކި ވަރެއް ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވެފައި ވަނީ ސުޓޫޑެންޓް ލޯނުގައި ބައެއް ރަށްރަށުގެ ކުދިން ލައްވާ ނުލާތީ އެކަމުގެ ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސުޓޫޑެންޓް ލޯނު މިފަހަރު އަޅުގަނޑުމެން މިފަހަރު ލޯނު ދޫކުރާއިރުގައި ކޮންމެ ރަށަކަށް ވަކި ވަރެއް، ކޮންމެ އަތޮޅަަކަށް ވަކި ވަރެއް އަދި ދާއިރާތައްވެސް ކަނޑައެޅިފައި އޮންނާނީ
ރައީސް ސޯލިހު

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެ ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދެވިދާނެ ކަމަށައި ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އެހެން ނޫން ނަމަ ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނަށް އެދުމުގެ 770 ފުރުސަތުވަނީ ހުޅުވާލާފައެވެ. އެއީ އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށެވެ.