އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ފަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަރު އަށް ވަދާއު ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އާއި ސެކެޓަރީ އަބްދުލް ގަފޫރު މުހައްމަދު އާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. ހުސެއިން ނިޔާޒު އަދި ޖޮއިންޓް ސެކެޓަރީ މަރިޔަމް މިދްފާ ނައީމްއެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. މި ދަތުރުގައި ޖައިޝަންކަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ. އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ޑިފެންސްއާ ވަނީ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓާ އޮފް ފިނޭންސް، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު ޖޮއިންޓް މީޓިންގްއެއް ވަނީ ބާއްވާފައެވެ.

މިދަތުރުގައި ޖައިޝަންކަރް ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮންނަ ސެންޓްރަލް ޕާކުގައި އަލަށް ތަރައްގީ ކުރި ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯން ހުޅުވާދެއްވާފައެވެ.

ޖައިޝަންކަރުގެ މި ދަތުރުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ފަސް ދާއިރާއަކުން އެހީ ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެހީ ދިނުމާއި އާބަން ޑިވެލޮޕްމަންޓާއި ނ. ކެނދިކުޅުދޫގައި ގާއިމް ކުރާ ގޭދޮށު މަސް ޕްލާންޓްގެ މަޝްރޫއުއަށް އެހީ ދިނުމާއި އަދި ބްރޯޑްކާސްޓިން ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އަނެއްކާ ވެސް އިތުރު 1 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާ ކޮށްފައެވެ.

މިއީ 2019 ވަނަ އަހަރުގެ މޭއިމަހުގެ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓަރނަލް އެފެއާޒް ކަމާއި ޖައިޝަންކަރު ހަވާލުވެވަޑައިގެން ފަހުން ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުގައެވެ.