އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލުގެ އިތުރުން ސެކެޓަރީ އަބްދުލް ގަފޫރު މުހައްމަދު އަދި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. ހުސެއިން ނިޔާޒުއެވެ.

އެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ޑިފެންސްއާ ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން މިނިސްޓާ އޮފް ފިނޭންސް، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު ޖޮއިންޓް މީޓިންގްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ ދަތުރުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއީ 2019 ވަނަ އަހަރުގެ މޭއިމަހުގެ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓަރނަލް އެފެއާޒް ކަމާއި ޖައިޝަންކަރު ހަވާލުވެވަޑައިގެން ފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުގައެވެ.