ރ. ކިނޮޅޮހުގައި ކުނި މެނޭޖް ކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓު ހިންގުމަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ އެރަށު ވާފިރު އަހްމަދެވެ. އޭނާ ޕްރޮޕޯސަލް ހުށަހެޅިއިރު ކިނޮޅޮހުގެ ކައުންސިލުން ދިޔައީ ރަށުގެ އެންމެހައި ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުންނެވެ. ނަމަވެސް ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް އޮތީ ގޮންޖެހުތަންތަކާ ކުރިމަތިވެފައެވެ.
ރަށުގެ އާންމު ތަންތަނުގައި ކުނި މެނޭޖްކުރުމުގައި ގޮން ޖެހުންތައް ކުރިމަތިވީ، ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ 5 ސަރަހައްދެއްގައި މިހާރު ވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބަހައްޓާފައެވެ. މިއާއެކު މުޅި ރަށުގެ ކުނި ނައްތާލުމުގެ ޕްރޮޖެކްޓަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ގޮސްފައި ވެއެވެ.
މި ޕްރޮޖެކްޓު ހިންގުމަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅި ވާފިރު ވަނީ މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ބީއެމްއެލް އިން މި ފަދަ ފުރުސަތެއް ދިނީތީ ބީއެމްއެލަށް ވެސް އޭނާ ޝުކުރު އަދާ ކުރެއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެން ހުށަހަޅާ ޕްރޮޕޯސަލް ތަކެކެވެ. ބީއެމްއެލުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 6 ވަހަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.