ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ދައުވާ ކުރި މީހުންގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު، 2020 ވަނަ އަހަރު 65 ޕަސަންޓް އިތުރު ވެއްޖެއެވެ.
މި ތަފާސް ހިސާބުތައް އާންމު ކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައެވެ. އެ ބްލޮގްގައި ލިޔެފައިވާ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ދައުވާ ކުރި މީހުންގެ އަދަދު 65 ޕަސަންޓް އިތުރުވެފައި ވާއިރު، ކުރި ދައުވާތަކުގެ އަދަދު ވެސް 63 ޕަސަންޓް އިތުރު ވެފައި ވާ ކަމަށެވެ.
2019 ވަނަ އަހަރު ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދައުވާއެކެވެ. އެ ދައުވާތައް ލިބެނީ 102 މީހަކަށެވެ. އެއާ ހިލާފަށް 2020 ވަނަ އަހަރު ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާއެކެވެ. އެ ދައުވާތައް ލިބެނީ 169 މީހަކަށެވެ.
2019 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 12 މައްސަލަ ކޯޓަށް ހުށަހެޅިއިރު، 2020 ވަނަ އަހަރު މި އަދަދު ވަނީ 19 އަށް އިތުރުވެފައެވެ. 2019ގައި މާލޭގެ ކޯޓަތަކަށް 70 މައްސަލަ އަދި ހައްދުންމަތީގެ ކޯޓުތަކަށް 14 މައްސަލައިގެ އިތުރުން އެހެނިހެން 16 އަތޮޅަކަށް ވެސް ވަނީ މައްސަލަތައް ހުށަހަޅާއެވެ. 2020ގައި މާލޭގެ ކޯޓުތަކަށް 115 މައްސަލަ ހުށަހަޅާފައި ވާއިރު، ފުވައްމުލަކު ކޯޓަށް 14 މައްސަލަ އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ކޯޓުތަކަށް 13 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
2019 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެއަހަރު ތެރޭގައި ނިންމީ 15 މައްސަލައެކެވެ. އެ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނުނިމި ކޯޓުތަކުގައި ހިންގަމުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 85 މައްސަލައެކެވެ. 2020 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ އަހަރު ތެރޭގައި ނިންމާފައި ވަނީ ދެ މައްސަލައެވެ. ނުނިމި ކޯޓުތަކުގައި ހިންގަމުންދާ މައްސަލަތަކުގެ އަދަދު 207 އަށް އަރައެވެ.
2020 ވަނަ އަހަރު ކޯޓަށް ހުށަހަޅާ، ކޯޓުން ހުކުމް ކުރި އެއް މައްސަލައަކީ ހއ. މާރަންދޫ މެޖިސްޓްރޭޓު ކޯޓަށް، ޖެނުއަރީ 10، 2020 ދުވަހު ހުށަހެޅުނު މައްސަލައެކެވެ. ދެވަނަ މައްސަލައަކީ ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް، އެޕްރީލް 1، 2020 ދުވަހު ހުށަހެޅުނު މައްސަލައެކެވެ.
މިދިޔަ ދެއަހަރު ހުށަހެޅި 374 މައްސަލައިގެ ތެރެއިން މި ދެ އަހަރު ޝަރީއަތުން ހުކުމަކާ ހަމައަށް ގޮސްފައި ވަނީ 17 މައްސަލައިގައެވެ.