ބ. ކުޑަރިކިލު، އަހުމަދު ރަމްޒީ ވަނީ މި މަހުގެ 17 ވަނަ ދުވަހު އޭނާގެ ހިތުގެ ތިން ވަނަ އޮޕަރޭޝަން ކޮށްފައެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކޮށްފައިވާ އިރު އެއީ ކާމިޔާބު އޮޕަރޭޝަންއެއް ކަމަށް އާއިލާއިން ބުނެއެވެ. އަދި މާލީ ގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ އެ އާއިލާއަށް އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ އެންމެންނަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރާ ކަމަށް އާއިލާއިން ބުނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން، ރަމްޒީގެ ސާޖަރީއަށް 8 ގަޑިއިރު ހޭދަވި ކަމަށް ރަމްޒީގެ އަންހެނުން ފާތުމަތު ރަޝީދާ ބުނެއެވެ. އެ ދުވަހުގެ ހެނދުނު 9 ޖެހި އިރު ސާޖަރީއަށް ވެއްދި ގޮތަށް އޮޕަރޭޝަން ތިއޭޓަރުން ރަމްޒީ ނެރުނީ އިރުއޮއްސި 6:30 ގައި ކަމަށް އޭނާ ބުނެއެވެ.
ސީސީޔޫއަށް އޭނާގެ ފިރިމީހާ ބަދަލުކުރުމަށް ފަހު އޭނާ ހޭ އަރާނީ 48 ގަޑިއިރު ތެރޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރަޝީދާ ބުނެއެވެ. ނަމަވެސް 24 ގަޑިއިރު ހަމަނުވަނީސް އޭނާ ވަނީ ހޭއަރާފައެވެ. އަދި މިހާރު ސީސީޔޫގައި އޭނާ އޮތް ނަމަވެސް އޮތީ ވެންޓިލޭޓަރުގައި ނޫން ކަމަށް ރަމްޒީގެ އަންހެނުން ބުނެއެވެ. އޮޕަރޭޝަނަށް ފަހު ރަމްޒީ ނެރުނު އިރު ހިތުގެ ވިންދު ދަށް ކަމުގައި ވިޔަސް އެއް ދުވަހަށް ވުރެ އަނެއް ދުވަހު ރަމްޒީގެ ހާލު އަންނަނީ ސްޓޭބަލް ވަމުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރަޝީދާ ބުނެއެވެ.
ސާޖަރީއަށް ދިއުމުގެ ކުރިން ރަމްޒީ އެދުނީ އާއިލާއެކު އުފާވެރި ވަގުތު ކޮޅަކަށް!
ސާޖަރީ ކުރުމުގެ ކުރިން ރަމްޒީ ވަނީ 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައެވެ. އުންމީދު ކުޑަ ނަމަވެސް ކުރަން މަޖުބޫރު އޮޕަރޭޝަނެއް ކަމުން އޭނާ ސާޖަރީއަށް ދާން ޖެހޭތީ ހުރީ ހިތް ނުތަނަވަސް ވެފައި ކަމަށް ބުންޏެވެ. ފުރާނައަށް ގެއްލުން ވެދާނެ ފަދަ ކަމެއް ދިމާ ވެދާނެތީ އޭނާ އެންމެ ބިރު ގަންނަނީ އޭނާގެ އަނބިމީހާ އާއި ދަރިން އޭނާ ނެތް ދުވަހަކުން ނިކަމެތި ވެދާނެތީ ކަމަށް ރަމްޒީ ބުންޏެވެ.
މީހުންނާ ގުޅޭ ހިތްހެޔޮ ސަކަ މިޒާޖެއް ހުންނަ ރަމްޒީ ވަނީ އޭނާގެ ދަރިން ގާތުގައި މަންމައަށް އޯގާތެރިވުމަށާއި މަންމަ ބުނާ ބަސް އަހައިގެން އުޅުމަށް ނަސޭހަތްތެރި ވެފައެވެ. ރަމްޒީ ބުނީ މަންމަގެ ފައިތިލަ ދަށުން ސުވަރުގެ ހާސިލް ކުރެވޭނީ އޭރުން ކަމަށެވެ. ތިން ދަރިން ދެކެ ވެސް އިންތިހާއަށް ލޯބިވާ ރަމްޒީ ވަނީ އޭނާގެ އަނބިމީހާގެ ރަނގަޅު ކަމުގެ ވާހަކަ ވެސް ހިއްސާ ކޮށްފައެވެ.
މިވީ ހުރިހާ ދުވަހު އޭނާ އަކީ ބަލި މީހެއް ކަމުގެ އިހުސާސް ވިޔަ ނުދޭ ކަމަށާއި ވަރުބަލި ކަމެއް ފޫހި ކަމެއް ނެތި ހިދުމަތްކޮށް ދިނުމުގައި އަވަދި ނެތި އުޅުނު ރަޝީދާ ދެކެ އޭނާ އިންތިހާއަށް ލޯބިވާ ކަމަށް ބުންޏެވެ. ރަޝީދާ ފަދަ އަންބަކު ލިބުމަކީ އޭނާއަށް މިންވަރު ކުރެއްވި ނަސީބެއް ކަމުގައި ދެކޭ ކަމަށާއި ރަޝީދާ އަކީ އޭނާއަށް މިވަރުގެ ކަމަކާ ކުރިމަތި ލުމުގައި ހިތްވަރު ދިން އަދި އެންމެ ގާތުގައި އޭނާގެ އަތުގައި ހިފައިގެން ހުރެދިން ބައިވެރިޔާ ކަމުގައި ރަމްޒީ ބުނެއެވެ.
މިއީ ރަމްޒީގެ ހިތުގެ ތިން ވަނަ ސާޖަރީއެވެ. މި ފަހަރު ރަމްޒީގެ ހިތުގައި ގުދުރަތީ ގޮތުން އުފެދިފައިވާ ވޭލްވް ނެގުމަށްފަހު ވަނީ އާޓިފިޝަލް ވޭލްވެއް ލައްވާފައެވެ. އަދި ކުރިން ނެގި ވޭލްވް ވަނީ ތަހުލީލު ކުރަން އައިޖީއެމްއެޗަށް ފޮނުވާފައި ކަމަށް ޑޮކްޓަރާ ހަވާލާދީ ރަޝީދާ ބުނެއެވެ.
އޭނާ ގެ ފުރަތަމަ ސާޖަރީ ކޮށްފައި ވަނީ ޑިސެމްބަރު 3، 2002 ގައި އިންޑިއާގެ ޓްރިވެޑްރަމްގައި ހުންނަ ސްރީ ޗިތުރާ ހޮސްޕިޓަލުގައެވެ. އެ ފަހަރު ވަނީ އޭނާގެ ހިތުގައި ހުރި ލޯވަޅުތައް ބައްދަން މަސައްކަތް ކޮށްފައެވެ. އެއަށް ފަހު އޭނާގެ ދެވަނަ އޮޕަރޭޝަންއެއް ކޮށްފައި ވަނީ އޮކްޓޯބަރު 19، 2019 ގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ ލޯވަޅު ބެއްދުމަށް ކުރެވުނު އޮޕަރޭޝަންއެވެ. އެފަހަރު ވެސް ވަނީ ކުރިން އިންޑީއާއިން ހިތުގެ ލޯވަޅު ބެއްދުމަށް ކުރި އޮޕަރޭޝަނަށް ފަހުވެސް އޭނާގެ ހާލު ގޯސްވެފައި ވާތީ އަނެއްކާ ވެސް ހިތުގެ ލޯވަޅުތައް ބައްދާފައެވެ.
ހިތުގެ 3 ވަނަ އޮޕަރޭޝަނަށް ފަހު މިހާރު ސީސީޔޫގައި ފަރުވާ ދެމުންދާ ރަމްޒީ އަދި ހޮސްޕިޓަލުން ދޫކޮށްލާނެ ވަކި ތާރީހެއް ނޭނގެއެވެ. އެ އާއިލާއަށް އޭޑީކޭގައި މި އޮޕަރޭޝަން އެންމެ ފުރަތަމަ ވެސް ކުރަންޖެހުނީ އައިޖީއެމްއެޗުން މި އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދާން އެންގުމުން އިނޑިއާއިން ވެސް މިކަމަކީ އެއްވެސް އުންމީދެއް އޮތް ކަމެއް ނޫން ކަމަށް ބުނުމުން ނެވެ.
ބަލި ހާލަތު ހުރި ގޮތުން ވަޒީފާއިން ވަކިވެގެން ހުންނަން ޖެހިފައި ވުމުން އެ އާއިލާއަށް ވަނީ މާލީ ގޮތުން ބޮިޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށް އެ އާއިލާއިން ބުނެއެވެ. ނަމަވެސް ރަމްޒީގެ ފުރާނަ ސަލާމަތް ކުރަން މި ދަނޑިވަޅުގައި އޮޕަރޭޝަން ކުރަން ޖެހުމުން އާއިލާއާއި ރައްޓެހިންގެ އިތުރުން ހެޔޮ އެދޭ ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށް އެ އާއިލާއިން ބުނެއެވެ.
ހޮސްޕިޓަލުގައި ރަމްޒީ ހޭދަކުރަން ޖެހޭނެ މުއްދަތް ނޭނގޭތީ އަދިވެސް އެ އާއިލާއަށް އިތުރު އެހީ ބޭނުންވާ ކަމަށް ރަޝީދާ ބުނެއެވެ. ރަމްޒީއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް އަހުމަދު ރަމްޒީގެ ނަންބަރު 9684049 އަދި އޭނާގެ އަންހެނުން ފާތުމަތު ރަޝީދާގެ ނަންބަރު 7254540 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
'ދަ ޕްރެސް'ގެ ދުއާއަކީ މާތް ﷲ އަހުމަދު ރަމްޒީއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ