ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ކަޅައިދޫގައި ގާއިމުކުރާ މަރުކަޒަކީ މުހިންމު މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ލ. ކަޅައިދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހާއްސަ މަރުކަޒާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ އެކު މަްޗާވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައެވެ. ރައީސް ވަނީ އެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ލ. ކަޅާއިދޫގައި ގާއިމު ކުރާ ހާއްސަ މަރުކަޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތް ކުރުމަށް އެކުލަވައިލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ ދަށުން، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް، އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ޕްރޮގުރާމުތައް ހިންގުމަށް ގާއިމްކުރާ މަރުކަޒެކެވެ.

ކަޅައިދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ މަރުކަޒުގައި ކުރިއަށް ގެންދަން ރާވާފައިވާ ހާއްސަ ޕުރޮގުރާމުތަކާއި، އެ ތަން އިމާރާތް ކުރުމަށް ހިނގާނެ ހަރަދާއި، މަރުކަޒާ ގުޅޭ އިދާރީ ކަންކަން ރާވައި، ހިންގާނެ ގޮތާ ގުޅޭ ގޮތުން، މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައި ވެއެވެ. އަދި، މި މަރުކަޒާ ގުޅޭގޮތުން ސަރުކާރުގެ އެކި ވުޒާރާތަކާއި، އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމާ ގުޅެ ގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީސް ހުޅުވައި ދެއްވުމަށް މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ސޯލިހް ވަނީ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން މި އަހަރު ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކަށް ހިއްސާ ކުރައްވާފައެވެ. އެ ގޮތުން،އެ މަނިކުފާނު ވަނީ، ކަޅައިދޫގައި ބިނާކުރާ މަރުކަޒުގައި ތައުލީމާއި ހުނަރުގެ މުހިންމު ޕްރޮގުރާމުތަކެއް ހިންގޭނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އަދި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.