މިއަދު އޮޔާ ދަނިކޮށް ފެނުނު ޑިންގީއެއްގައި އެކަނި ހުރި ބިދޭސީ މީހާއާއި ވ. އަތޮލޫ ފަޅުރަށަކަުން ފެނުނު ފުރާނަ ނެތް ހަށިގަނޑަކީ ގުޅުން ހުރި ދެ ހާދިސާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ވ. ފުއްތެޔޮ ބޮޑުފުށިން މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ވ. އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީ އާ ގުޅުން ހުރި މީހެއް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ހޯދުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ފުއްތެޔޮ ބޮޑުފުއްޓަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 11 ޖަހާކަށް ހާއިރެވެ. އަދި އެމީހާ ފެނުމާއެކު ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކޮށްފައެވެ. އަދި އެ ފެނުނު މީހާ އަކީ ބިދޭސީއެއް ކަަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައިވާ އިރު އެމީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ހުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ސާފުކޮށް ދީފައެއް ނުވެއެވެ.

އެއަށް ފަހު މިއަދު ހަވީރު ވަނީ އޮޔާ ދަނިކޮށް ޑިންގީއެއް ފެނިގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައެވެ. ވ. އަންބަރާ ކައިރިން ދަތުރުކުރަމުން ދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީ އަކަށް ހާލުގައި ޖެހި އޮޔާދާ ޑިންގީ އެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން ރިޕޯޓް ކުރީ 05:12 ހާއިރެވެ. އަދި އެމީހާ އަތުގައި ހުރި ލިޔެ ކިޔުންތަކަށް ބަލާއިރު އެއީ ސްރީލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ޑިންގީ ވަނީ ވ. ފެލިދޫ އަށް ގެންގޮސްފައެވެ.

އެމީހާ ޑިންގީގައި އިންދާ ނަގާފައިވާ ފޮޓޯއެއް އެމްއެންޑީއެފުން އާންމުކޮށްފައިވާ އިރު އެ ޑިންގީއަކީ ރާއްޖޭގެ ޑިންގީއެއް ނޫންކަން ހާމަވެއެވެ. އެހެންވެ، އެއީ ލަންކާއިން ބެހިގެން އޮޔާ ދިޔަ މީހެއް ކަމަށް ބެލެވެއެވެ.