ރާއްޖޭގައި ވެރިކަން ކުރުމަށް 5 އަހަރުގެ 1 ދައުރަކީ ގައުމަށް ތަރައްގީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްގީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން 5 އަހަރުގެ 1 ދައުރަށް ވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްގީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ފުރިހަމަ ތަރައްގީއެއް ރާއްޖެއަށް ގެނައުމަށް ރައީސް ކަމުގެ ދެ ދައުރު ފުރިހަމަ ކުރުމަށް ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ކަމަށް ވާ ނަމަ ކެމްޕޭނުގެ ހަރަކާތުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ހަމައެއާއެކު ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ތޯ ސީދާ ބުންނަ އެނގިވަޑައިނުގަނަންވާ ކަމަށާއި އެކަން އެނގިގެން ދާނީ ކުރިއަށް އޮތް އަހަަރުތެރޭ ކަންކަން ކުރިއަށް ދާ ގޮތަކަށް ބެއްލެވުމަށް ފަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރައީސް ސޯލިހް ބައިވެރިވެވަޑައި ނުގަތަސް އެމްޑީޕީގެ ކެންޑިޑޭޓެއް ކުރިމަތިލައްވާނެ ކަމަކީ އޮތް ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކަށް ކެމްޕޭން ކުރުމަށް ނުކުންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވެރިކަން ކުރުމަށް ދެވަނަ ދައުރެއްގެ ފުރުސަތު ލިބިއްޖެ ނަމަ އެ ސިޔާސީ ޕާޓީއަކަށް ގައުމުގެ ކުރިމަގު ބިނާ ކުރާނެ ގޮތުގެ ތަސައްވުރެއް ބިނާ ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ދެ ދައުރަށް ވިސްނައިގެން ރައްޔިތުންނަށް ހިދުމަތް ކޮށް ދިނުމަށް ކަންކަން ރޭވޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި މަބްރޫކް ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ކާމިޔާބީއަށް އަލި އަޅުއްވާލައްވާފައެވެ. އޮބާމާގެ ފުރަތަަމަ ދައުރުގެ 4 އަހަރުގައި މާގިނަ ކާމިޔާބީތަކެއް ހާސިލު ނުވުމުން ފާޑުކިޔުންތައް އަމާޒު ވިޔަސް، ދެވަނަ ދައުރުގައި އޮބާމާ ގެންނެވި ތަރައްގީގެ އަވަސް ފިޔަވަޅުތަކަކީ އެމަނިކުފާނުގެ ވެރިކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާ މައިގަނޑު ސަބަބެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި މަސައްކަތްތައް ލަސްވެ ގިނަ ބަޔަކު އަންނަނީ މި ސަރުކާރަށް ފާޑު ކިޔަމުންނެވެ. ބައެއް މަޝްރޫއުތައް ނުފެށި ހުރުމާއި ނުވަތަ ފަށާފައިވާ ނުވަތަ ކުރީ ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުން ރައްޔިތުންނަށް ހިދުމަތް ނުލިބޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ހިއްސާކުރަމުންނެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް މިފަދަ ފާޑުކިޔުންތައް އަމާޒުވަމުން އައި ނަމަވެސް ރައީސް ސޯލިހް މަސައްކަތް ކުރައްވަނީ ވަރަށް ހިކްމަތްތެރިކަމާ އެކީގައި ކަމށް މަބްރޫކް ފާހަގަ ކުރެއްވިއެވެ. މަބްރޫކް ވިދާޅުވީ ރައީސް ސޯލިހަކީ ވަރަށް ދުރު ވިސްނުންފުޅެއް ގެންގުޅުއްވާ، އެންމެންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ ބޭފުޅެއް ކަމަށެވެ. ކޮވިޑްގެ މި ހާލަތުގައި ވެސް އެންމެން ބިރުން އުޅުނު އިރު ރައީސް ސޯލިހްގެ ކިބައިން ފެނިގެން ދިޔައީ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ހިކްމަތްތެރިކަން އިސްކުރެއްވި ތަން ކަމަށް މަބްރޫކް ވިދާޅުވިއެވެ.