ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރުމަށް އަމުރު ނެރުނު ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ) ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވަނީ ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާ ކުރެވޭނީ އެ މައްސަލަ ބެލުމާ މެދު ކޮމިޓީން ގޮތެއް ނިންމުމުން ކަމަށް އިޒްމީރާ ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދަށު ކޯޓުގައި މިމަހުގެ 9 ވަނަ ދުވަހު ބާއްވާ، އަލީ ވަހީދުގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އޮތް އަމުރު ބާތިލު ކުރުމުން އޭނާ ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައި ވަނީ ހަމަ އެ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ. ކޮވިޑްގެ މިހާލަތުގައި ފުރައިގެން ދާއިރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓް ފަދަ ޓެސްޓްތައް ދުރާލާ ހަދާފައި އޮތުން ފަދަ ކަންކަމަކީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމުގައި ގިނަ ސުވާލުތަކެއް އުފެދޭ ކަންކަން ކަމުގައި އާންމުން ދަނީ ބުނަމުންނެވެ. އަދި އެފަދަ ގިނަ ސުވާލުތަކާ ހުރެ ޕީޖީއިންވެސް ވަނީ އެ މައްސަލަ ބަލާ، ޕާސްޕޯޓު ދޫކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެވެ.
އަދި މިހަރު މަޖިލީހުން ޕީޖީއާ ސުވާލު ކުރަން ނިންމާފައި ވާއިރު، ޖޭއެސްސީން ތައްޔާރު ވަނީ ގާޒީ ހާޒިރު ކުރާށެވެ.
މިހާތަނަށް ހާމަވެފައި ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި އެކަން ކޮށްފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.
ޕީޖީ އިން ވަނީ އަލީ ވަހީދު ފުރުވާލި މައްސަލައާ ގުޅިގެން ގާޒީ ހަސަން ސައީދު ނެރުނު ކޯޓު އަމުރުގައި ހުރި އިތުރު މައްސަލަ ތަކެއް ފެންމަތި ކޮށްފައެވެ. ފުރަތަމަ ނެރުނު އަމުރުގައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް އެދުނީ ޕީޖީން ކަމަށެވެ. ނަމަވެސް އެ ކޯޓު އަމުރު ނެރުމާއެކު ޕީޖީ ޝަމީމް ވަނީ އެ ކޯޓު އަމުރުގައި ދޮގު މައުލޫމާތު ހުރި ކަމަށް ވިދާޅުވެފައެވެ.
ޝަމީމް މިހެން ވިދާޅުވުމާ އެކު ކްރިމިނަލް ކޯޓުން ވަނީ އެ އަމުރުގައި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން އެދުނީ ޕީޖީން ކަމަށް ޖެހިފައި އޮތީ ކުށަކުން ކަމަށާއި އެގޮތަށް އެދިފައި ވަނީ ހުދު އަލީ ވަހީދު ކަމަށް ބުނެފައެވެ.
މި ކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރުމުގެ ކުރިން އޭނާ ފުރާވަޑައިގެންފައި ވާ ކަމަށެވެ.