މާލޭގައި ޒުވާނުންނަށް ފަސޭހަކާއެކު މިއުޒިކް އަޑުއަހާލައި އެކުވެރިންނާއި ރައްޓެހިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނެ މަރުކަޒެއް ހެދުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފެވެ.

މި ބިލު މަޖިލީހަށް ބަލައިގެންނަން ފާސްކުރީ 34 މެމްބަރުންގެ ވޯޓުންނެވެ. މިބިލާ ދެކޮޅަށް އެއް މެމްބަރަކު ވަނީ ވޯޓު ދީފައެވެ.

މަޖިލީހުން މި ގަރާރު ބަލާގަނެފައިވާއިރު އިތުރަށް ދިރާސާކުރުމަށް މިހާރު ވަނީ އިޖުތިމާއީ ކޮމިޓީ އަށް ފޮނުވާފައެވެ.

އެގަރާގުގައި ބުނެފައިވަނީ މާލޭގައި ހުރި އިޖުތިމާއީ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް އުދަގޫ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން އެގަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ މާހައުލުގައި ޒުވާނުން ތަފާތު ވައްތަރުގެ މިއުޒިކު އަޑުއަހާ، ހީ ސަމާސާކޮށް މަޖާކޮށްލާނެ މަރުކަޒެއް ހުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް އުންސުރަކީ ދިވެހި ލަވަޔާއި މިއުޒިކު ކަމަަށާ ދިވެހި ލަވައާ މިއުޒިކުގެ ޝައުގުވެރިކަން ޒުވާނުންގެ ކިބާގައި އަށަގެންނެވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށްވެސް އެ ގަރާރުގައި ވެއެވެ. އަދި ގައުމުގެ ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ ޒުވާނުންގެ ޒިންމާއެއް ކަމުގައިވެސް ބުނެފައިވެއެވެ.