ދިވެހިންގެ ހިތުގައި އުފެދޭ ޖަޒުބާތާއި އިހުސާސްތައް އަނެކާއަށް ހުށަހެޅުމަށް ބޭނުން ކުރާ އެންމެ އިޝްގީ ގޮތަކީ މިއުޒިކާއި ލަވަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކިތަންމެ ދުވަހެއް ވިޔަސް އަދި ކިތަންމެ ފަހަރަކު ވިޔަސް ދިވެހިން ލޮތްބާއި ހިތުގެ އިހުސާސްތައް ހުށަހަޅާ އެންމެ އިޝްގީ ގޮތަކީ ހަމަ މިއުޒިކާއި ލަވަ ކަމަށެވެ.

ރައީސް ނަޥީދު އެފަދައިން ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ކައިވެންޏަށް 24 އަހަރު ފުރުމާ ގުޅިގެން ރޮޒައިނާ ވިދާޅުވެފައިވާ ލަވައެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

މަޖިލީހުގެ ރައީސް މިކަމުގައި ވާހަކަ ދައްކަވާފައި މިވަނީ މިޔުޒިކު ކުޅޭނޭ ޖަގަހަތަކެއް މާލޭގައި ހެދުމާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގެ ސަބަބުން ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދާ ވަގުތެއްގައެވެ.

ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ދަށުން، މިއުޒިކު ކުޅެ މަޖާ ކުރާނެ އެތައް މަރުކަޒުތަކެއް ނުވަތަ ޖަހަގަތަކެއް ހެދުމަށް ބާރު ލިބިގެން ދެއެވެ.އެ ގަރާރުގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުން ދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކޮށް ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީ ކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް ބާރުއެޅުން ކަމަށެވެ.