ކޮވިޑް-19ގެ ކޭސްތައް އިތުރުވާނަމަ އިތުރަށް ހަރުކަށި އަދި އުނދަގޫ ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިންޒާރު ކުރައްވައިފިއެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑު ކޭސްތައް އިންތިހާހަށް އިތުރުވަމުންދާ ކަމަށާއި އަދި ނިޒާމަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވާނަމަ އިތުރަށް ހަރުކަށި އަދި އުނދަގޫ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތަށް ވެސް ގޮސްދާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު އިއްޔެ ވަނީ ރާއްޖެއިން 186 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 162 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 14 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 10 މީހެކެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 17،387 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 15،081 އަށް އަރާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 1508 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެއީ 215 ކޭސްއެވެ. އެއީ މި އަހަރު ވެސް އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ.
ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން މިދިޔަ މަހުގެ 27 ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާ ވެސް އިއުލާންކޮށްފައެވެ. އެ ގޮތުން ކާފިއު ވަގުތު އިތުރު ކޮށް މިހާރު ކާފިއު ވަގުތުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށެވެ.
ހަމައެއާއެކު ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ކުރިއަށް އޮތް ދެ ހަފްތާއަށް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް ވަނީ މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.
މައިމޫނާ މަގާމުން އިސްތިއުފާ ދިނީތަ؟ ފައްޔާޒުތަ މިހާރު ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތަކީ؟ ނޫނީ ހެލްތު މިނިސްޓަރަކީ؟ ހަމަ ބްރޯވެގެން އުޅޭމީހެއްމީ.