މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 1.79 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގެންފައި ވަނީ 1.79 މިލިއަން ރުފިޔާ ގެ އިތުރުން 46.01 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 1.2 ޕަސެންޓުގެ ދަށްވުމެއް ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީ އާއި އަޅާބަލާއިރު ޖަނަވަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށްވުރެ މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުން ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާއަށް އެންމެބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓެކްސް އިންނެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 777.46 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޖީއެސްޓީގެ ގޮތުގައި 734.60 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 45.57 މިލިއަން ރުފިޔާ އެވެ.

ރެސިޑެންޝަލް ޕާމިޓުގެ ގޮތުގައި 21.8 މިލިއަން ރުފިޔާ ލިބިފައިވާއިރު މުދަލު ޒަކާތުގެ ގޮތުގައި 3.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 123.35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.