ޖިންސީ ގޯނާގެ މައްސަލަތަކަށް ސަރުކާރުގެ މުއައްސަސާތަކުން އިންސާފު ހޯދައިދޭން ވައުދުވެފައި ވީ ނަމަވެސް މިހާރު އެ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.
އަނީސާ މިހެން ވިދާޅުވީ ޖިންސީ ގޯނާގެ 7 ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށް ފަހު އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށް އޭނާ ފުރާވަޑައިގަތުމުންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އަނީސާ ވިދާޅުވީ، ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކަކީ ވަރަށް މަދުން ނޫނީ ހުށަ ނޭޅޭ މައްސަލަތަކެއް ކަމަށެވެ. ވަޒީފާގެ މާހައުލުގައި ވެރިންގެ ފަރާތުން ދަށު މުވައްޒަފުންތަކަކަށް ލިބިގެންދާ އަނިޔާތަކަކީ ރަނގަޅަށް ބެލޭ ކަންކަން ނޫން ކަމަށާއި މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ރިޕޯޓު ކުރިއަސް އަނިޔާ ދޭ ފަރާތް ސަލާމަތްވާ ކަމަށެވެ.
މިފަދަ މައްސަލަތަކަކީ ޒަމާނުއްސުރެ ހިންގަމުން އަންނަ ކަންކަން ކަމަށް އަނީސާ ފާހަގަ ކުރެއްވިއެވެ. މި ކަމަށް ގާނޫނު އައުމުގެ ކުރީގަ ވެސް، 2014 ގެ ކުރިން ވެސް ދައުލަތުގެ މަތީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން މުވައްޒަފުންނަށް އެކި ކަހަލަ ގޯނާ ލިބިފައިވާ ކަމަށް އަނީސާ ވިދާޅުވިއެވެ. ނަމަވެސް އޭރު މައްސަލަ ބަލަމުން އައިސް ވަކި ހިސާބަކުން އަނިޔާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ސަލާމަތް ވެގެން ދާ ކަމަށާއި އެހެން ކަންކަން ދިމާވާތީ މީހުން ރިޕޯޓު ނުކޮށް ތިބެނީ އެކަން ރިޕޯޓުކުރުމުގެ ބޭނުމެއް ނޯންނާތީ ކަމަށް އަނީސާ ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އަނީސާ ވިދާޅުވީ، މި ފަހަަރު ވަރަށް ހިތްވަރާ އެކީގައި އެ މުވައްޒަފުންތައް ރިޕޯޓު ކުރީ މިކަހަލަ މައްސަލަތައް ފެންމަތިވެގެން ހުށަހަޅަމުން ދިޔަ ދުވަސްވަރެއްގައި ކަމަށެވެ. ނަމަވެސް މިހާރު އަލީ ވަހީދު ފުރާ ވަޑައިގަތުމަށް ޕާސްޕޯޓު ދޫކުރުމަށް އަމުރު ނެރުމަކީ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލެން މެދުވެރިވާ ސަބަބެއް ކަމަށް އަނީސާ ވިދާޅުވިއެވެ. އަދި މިގޮތަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދާ ނަމަ ގާނޫނުތަކެއް ހުއްޓަކަސް އެ ގާނޫނުތަކެއް ތަންފީޒެއް ނުކުރެވޭނެ ކަމަށް އަނީސާ ވިދާޅުވިއެވެ. އަދި މިކަހަލަ ނޭދެވޭ ކަންތައްތައް މުޖުތަމައުގައި އިތުރަށް ގިނަވެގެން ދިއުމުގެ ބިރު އޮތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އިނގިރޭސި ވިލާތަށް އަލީ ވަހީދު ފުރާވަޑައިތުމުން ދެން އޭނާ ގެނެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އަނީސާ ވިދާޅުވިއެވެ. އެއީ އިނގިރޭސި ވިލާތާ އެކު ސަރުކާރުން ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެއް ނޯންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަނީސާ ވިދާޅުވީ، ކުރިން ވެސް ތުހުމަތު ކުރެވުނު ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހިމާޔަތް ކުރެވުނުހެން ހިމާޔަތް ކުރެވުނު މީހަކަށް އަލީ ވަހީދު ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަލީ ވަހީދު ފުރުވާލި މައްސަލައާ ގުޅިގެން މިހާރު އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދުގެ މައްސަލައެއް ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ހަމައެއާއެކު އަލީ ވަހީދު މައްސަލައިގައި ޕީޖީން ކަން ކުރެއްވި ގޮތުގެ ތަފްސީލު ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފައެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ފަށާފައި ވަނީ އެ ދުވަހުގެ 14:30 ގެ ފަހުންނެވެ. އަދި އެ އަޑުއެހުން ނިންމާލާފައި ވަނީ އެ ދުވަހު ހަވީރު 4 ޖެހި ފަހުން ކަމަށް ޕީޖީން ބުނެފައި ވެއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން ރާއްޖެ ދޫކޮށް އޭނާ ފުރާ ވަޑައިގެންފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ. މި ކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރުމުގެ ކުރިން އޭނާ ފުރާފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.
ކަމަނާއަކީވެސް ތިޔަ ވިދާޅުވާ އިތުބާރު ގެއްލިފައިވާ މުވައްސަސާ ތަކެއް ހިނަގުމުގެ މަސްޢުލިއްޔަތު ބޮލުގައި އަޅައިގެން އުޅޭ ސަރުކާރުގެ ބައިވެިޔެއް. ހޯރަ އިއްބެ ގެ މައްސަލަވެސް ދިޔައީ ޗޮކުން. އަލީ ވަހީދުގެ މައްސަލަދާނީ އެއްވުރެވެސް މުޑުދާރުކޮށް. ކަމަނާ އަށް މުސާރަލިބެންޏާ އޯކޭވާނެ. ވަރަށް ބާރަށް ޙާލޭއްލަލަވާ ހުރޭ. ފުރާވަރު ގެއްލިއްޖެ.
ކަމަނާ ވާހަކަފުޅު ދަށްކަވާއިރު ހީވަނީ އަލީއަށް ކުށްސާބިތުވެފައި ވާހެން. އެފަދަ މޭރުމުން ވާހަކަ ދައްކަވާއިރު ހަނދުމަފުޅުނެތްތޯ މި މައްސަލައައި ދުވަސްވަރަކީ ޖިންސީގޯނާގެ ވާހަކަ އެންމެ ގަދަވެގެންދިޔަ ދުވަސްވަރު، އެފަދަ ދުވަސްވަރެއްގައި އެންމެ އަވަހަށް މީހުން ގަބޫލްކުރާނީ މިފަދަ މަސައްލައެއް. މިއީ ހަޤީގަތުގައިވެސް ވިކަމެއްތޯ ނުވަތަ ފްރޭމްކުރުމެއްތޯ ކަށަވަރުކަމާއެކު ދެންނެވޭނެތޯ؟