ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނަށް އެދުމުގެ 770 ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށް ހުޅުވާލާފައިވާ ކަަމަށެވެ. އެ ލޯނުތަކަށް އެދެވޭނީ އަންނަ މާޗް މަހުގެ ހަތަރު ވަނަ ދުވަހާ ހަަމަޔަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދެވިދާނެ ކަމަށައި ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އެހެން ނޫން ނަމަ ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ލޯނު އެހީގެ ގޮތުގައި ނަގާ ފައިސާ އާއި، ލޯނު ދޫކުރުމަށް ދިން ހިދުމަތުގެ އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި އެ ފައިސާގެ ތިން ޕަސެންޓަށް ވާ ޖުމްލަ މިންވަރު، ކޯސް ނިމޭ ތާރީހުން ފެށިގެން ލަސްވެގެން ހަތް ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި ލޯނުގެ ފުރުސަތުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔެވުމަށް ފައިސާ ދޫކުރާނީ ކޯހާއި ގުޅޭ ގޮތުން މަރުކަޒަށް ދައްކާ ފައިސާ، ކޯހުގައި ހުންނަ މުއްދަތަށް ދިރިއުޅުމުގެ ހަރަދު، އަލަށް ކިޔަވަން ފަށާ ދަރިވަރުން ނަމަ ޓިކެޓް ހަރަދާއި އެސްޓެބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސް ނިމި އަނބުރާ އައުމަށް ޑިޕާޗާ އެލަވަންސް، ހެލްތް އިންޝުއަރަންސް އަދި ވިސާ ފީ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ފައިސާ ދޫކުރާނީ ކޯހާއި ގުޅޭ ގޮތުން މަރުކަޒަށް ދައްކާ ފައިސާ، ކޯހުގައި ހުންނަ މުއްދަތަށް ދިރިއުޅުމުގެ ހަރަދު، އަދި ބުކް އެލަވަންސް ކަމަށެވެ. އަދި މި މަހުގެ 26 ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީން ބެލުމަށް ފަހު ރަނގަޅު ކުރަންޖެހޭ ނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ކެޓަގަރީން ޕޮއިންޓް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި، އެކަޑަމިކް މެރިޓް ސްކޯއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން ރާއްޖޭން ބޭރުން ކިޔަވަމުންދާ ދަރިވަރުންގެ ކެޓަގަރީން ޕޮއިންޓް ދިނުމުގައި ބަލަނީ ކިޔަވަމުންދާ ކޯސް ނިންމުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށާއި، ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން އެކަޑަމިކް މެރިޓް ސްކޯއިން އެންމެ މަތިން ސްކޯ ކުރާ ފަރާތްތަކަށެވެ.