ކްރިމިަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ނިންމި އަޑުއެހުން ނިންމާލި އިރު އަލި ވަހީދު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައި ކަމަށް މައުލޫމާތު ލިބިފައި ވާތީ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނުދެކޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެއޮފީހުން ބުނީ މި މަހުގެ 9 ވަނަ ދުވަހު މެންދުރު ފަހު 1:30 ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކުރި އަލީ ވަހީދުގެ އަޑުއެހުން ފަށާފައި ވަނީ އެދުވަހުގެ 14:30 ގެ ފަހުން ކަމަށެވެ. އަދި އެ އަޑު އެހުން ނިންމާލާފައި ވަނީ އެ ދުވަހު ހަވީރު 4 ޖެހި ފަހުން ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީން ބުނީ އެ ދުވަހު ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަކަށް ނުދެކޭ ކަމަށެވެ. އެއީ އެ ނިންމުން އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރާވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބިފައި ވާތީ ކަމަށް ޕީޖީން ބުނެއެވެ. ކޯޓު އަމުރުގައި އޮތް 4 މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައި ނުވާނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކުރައްވާފައިވާ މީހާގެ މައްޗަށް ގާނޫނުގައި ވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށް ޕީޖީން ބުނެއެވެ.

އެ އަޑުއެހުމަށް ކޯޓަށް ވަނީ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޝާން ޔޫސުފް ހާޒިރުކޮށްފައެވެ. ޑރ. ޝާން ޔޫސުފް ވިދާޅުވީ، މެޑިކަލް ލިޔުންތަކުގައި ސީރިއަސް މައިބަދައިގެ ޑިސްކް މައްސަލައަކާ ގުޅިގެން ސާޖަރީއެއް ހެދުމަށް އަލީ ވަހީދަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި، އަލީ ވަހީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖެއިން އެ ސާޖަރީ ހެދެން އޮތް ނަމަވެސް، މިތަނުގައި އެކަށީގެންވާ އިކުއިޕްމަންޓް ނެތުމާއެކު ދިވެހިރާއްޖޭގައި ސާޖަރީ ހަދަން ރިކޮމެންޑް ނުކުރާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މި ސާޖަރީ ހަދައިގެން ފުރާނައަށް ނުރައްކާ ވެސް ވެފައިވާ ކަމަށެވެ. އެގޮތުން ވަރަށް ފަހުން ވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ ކަމަށް އެ ޑަކްޓަރު ވިދާޅުވެފައި ވެއެވެ.

ޑޮކްޓަރުގެ ބަޔާނަ ގުޅިގެން ޝަރީއަތުގައި ދައުލަތުން ބުނީ، މީހެއްގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނުމަށް އިއުތިރާޒް ނުކުރާ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ދައުލަތުން އެދެނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓައި، މީހަކު ޖާމިނު ކުރުވުމާ އެކު ވަކި މުއްދަތަކަށް ބޭސް ފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ދިއުމަށް ހުއްދަކުރާ ޓްރެވަލް ޑޮކިއުމަންޓެއް ދޫކޮށްގެން ކަމަށް ޕީޖީން ބުނެފައި ވެއެވެ.

އެކަމާގުޅިގެން އަލީ ވަހީދުގެ ފަރާތުން ބުނެފައި ވަނީ އަލީ ވަހީދަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫން ކަމަށާއި، މީގެ ކުރިން ޝަރީއަތަށް ފިލާފައި ނުވާނެ ކަމަށެވެ. ޖިންސީ ކުށުގެ ދައުވާ އުފުލިފައިވާ މީހެއްކަން އެނގޭގޮތަށް ޓްރެވެލް ޑޮކިއުމަންޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރު ކަމެއް ކަމަށާއި، ޓެރެވެލް ޑޮކިއުމަންޓެއްގެ އެހީގައި އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދުމަށް ދަތުރު ކުރުމަށް ހުރަސް އެޅޭނެ ކަމަށް އަލީ ވަހީދުގެ ފަރާތުން ބުނެފައި ވެއެވެ.

އަދި އެކަމުގެ ރައްދުގައި ދައުލަތުން ބުނެފައި ވާނީ، އަލީ ވަހީދުގެ ބޭސް ފަރުވާއަށް ބޭނުން ވަނީ ޕާސްޕޯޓު ނޫން ކަމަށެވެ.

އަލީ ވަހީދަކީ އެހެން ރެކޯޑެއް ވެސް އޮތް މީހަކަށް ނުވާތީ އާއި، ޑޮކްޓަރު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލައި މީހަކު ޖާމިނު ކުރުމަށްފަހު 4 މަހަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ޝަރީއަތުން ނިންމެވި ކަމަށް ޕީޖީން ބުނެއެވެ. އެގޮތުން ޖާމިނު ކުރުވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރެއް ކަމުގައިވާ އަސްއަދު އަލީ (އަޑުބަރޭ) ކަމަށް އަލީ ވަހީދުގެ ފަރާތުން ބުނެފައި ވެއެވެ.

މީގެ އިތުރުން ޕީޖީން ބުނީ، އެދުވަހު ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި، ޖާމިނުކުރުވި ލިޔުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެ ލިޔުންތައް ޙިއްސާކޮށްފައެއް ނުވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން ރާއްޖެ ދޫކޮށް އޭނާ ފުރާ ވަޑައިގެންފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.

އަލީ ވަހީދުގެ މައްޗށް 7 ދައުވާއެއް އުފުލާފައި ވާއިރު އޭނާގެ މައްޗަށްއެ ދައުވާތައް އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރައްވާފައިވާ ކަމުގެ ތުހުމަތު އެ މުވައްޒަފުން ކުރުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.