ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓް އަމުރުގައި ލިޔެފައި ވަނީ އޮޅިގެން ކަމަށް އެ ކޯޓުން ބުނެފިއެވެ. ކޯޓުން ކުރިން ބުނީ އެ އަމުރު ނެރުނީ ޕީޖީން ބުނެގެން ކަމަށެވެ. ނަމަވެސް ޕީޖީން އެވާހަކަ ދޮގު ކުރުމުން ކޯޓުން މިހާރު ވަނީ އެކަން ސާފުކޮށްދީފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން ރާއްޖެ ދޫކޮށް އޭނާ ފުރާ ވަޑައިގެންފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ. ކްރިމިނަލް ކޯޓުން ގާޒީ ހަސަން ސައީދު ސޮއިކުރައްވައިގެން ނެރުނު އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށް އެ އަމުރުގައި ބުނެއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ އެ އަމުރުގައި އަމުރު ބާތިލް ކުރުމަށް އެދުނު ފަރާތުގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ލިޔެފައި ވަނީ އޮޅުމަކުން ކަމަށެވެ. އަދި ކޯޓުން ބުނީ އަމުރު ބާތިލު ކޮށް ޕާސްޕޯޓް ދޫކޮށްލީ އަލީ ވަހީދު އެދިވަޑައިގަތުމުން ކަމަށެވެ.
ރޭ ކްރިމަިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ކޯޓް އަމުރުގައި އޮތީ އޮޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދީ ޕީޖީން ބަޔާނެއް ނެރޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާގެ ޝަރީތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ހެކި ހުށަހަޅާފައެވެ. އަދި އަލީ ވަހީދު އެ ދައުވާތަކަށް ވަނީ އިންކާރުވެސް ކުރައްވާފައެވެ.
އަލީ ވަހީދަށް ކޮށްފައިވާ ދައުވާތަކަކީ:
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ
އޭނާގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރައްވާފައިވާ ކަމުގެ ތުހުމަތު އެ މުވައްޒަފުން ކުރުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.
މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.
ޕުރޯ ބުރޯ.ތިޔާ ބުނީ ހެޔޮކޮށް. މިހާރު ތިޔާ އަންނި އާ އިބޫ ބުނެގެން ކުރި ކަމެއް . އަލީ ވަހީދު އަތުގަ އެބަހުއްޓޭ މިމީހުން ބޮއިގެން ހޮޑުލާތަން ފެންނަ ވީޑިޔޯ ތަކާ ދީނަށް ފުރައްސާރަ ކޮށް ދައްކާފަ ހުރި ވާހަކަ ތަކުގެ ރެކޯޑިން.
އަލީ ވަހީދަށް ފުރުނީ އޮޅުމަކުން. އޭނަ ގެއަށްދާން އުޅެނިކޮށް އޮޅިގެން ގޮސް މަތިންދާބޯޓަށް އެރުނީ