އެމެރިކާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް، ޖޯ ބައިޑަން، ޖައިނާގެ ރައީސް ޝީ ޖީންޕިންގްއާއި ވާހަކަފުޅުދައްކަވައިފިއެވެ.

ރޭގެ ވަގުތެއްގައި ޝީއާ ބައިޑަން ވާހަކަފުޅުދެއްކެވީ ފޯނު މެދުވެރިކުރައްވާ ކަމަށް، ހަބަރު ލިބެއެވެ. ޝީއާ ފޯނުން ގުޅުއްވާ، ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ސަރުކާރާ ގުޅިގެން އެމެރިކާގެ އަދުގެ ސަރުކާރުގައި ހުރި ކަންބޮޑުވުންތައް، ބައިޑަން ހިއްސާ ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޗައިނާއިން އަމަލުތައް ބަހައްޓާ ހުދުމުހުތާރު އުސުޅުތަކާއި، ހައްގުތަކަށް އަރައިގަންނަމުންދާ ދިއުމުގައި އެމެރިކާގައި އޮތް ކަންބޮޑުވުންތައް ބައިޑަން ވަނީ ޝީއާ ހިއްސާ ކުރައްވާފައެވެ.

އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމާއި ސިއްހަތު ކަށަވަރު ކުރުމަށް އެމެރިކާއިން ދޭ ހާއްސަ ސަމާލުކަމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ މިނިވަންކަން ނެގެހެއްޓުމަށް އެމެރިކާއިން ދޭ އަހައްމިއްޔަތު ކަމުގެ މައްޗަށްވެސް ޝީއާ ފޯނުން ގުޅުއްވައިގެން ބައިޑަން ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލެއްވި ކަމަށް ވައިޓްހައުސްއިން މައުލޫމާތު ދެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މާސްކު ތުރުކުރައްވައިގެން / ފޮޓޯ: އެލްއޭޓައިމްސް

މީގެ އިތުރުން ޗައިނާއިން ތަންފީޒު ކުރަމުންދާ ގޮތެއް ނެތް އިގުތިސޯދީ ސިޔާސަތުތަކާ، ހޮންގްކޮންގްއާ ދެކޮޅަށް ޗައިނާއިން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާ، ޝީންޖިއާންގްގައި ހިންގަމުންދާ ލާއިންސާ ޖަރީމާތަކާ ގުޅިގެން އެމެރިކާގެ އަދުގެ ސަރުކާރު ކަންބޮޑުވާ ކަމަށް ބައިޑަން ދެންނެވި ކަމަށްވެސް ވައިޓްހައުސް އިން މައުލޫމާތު ދެއެވެ.

ކަން މިހެން އޮތް ނަމަވެސް، މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމާ، މޫސުމީ ނޭދެވޭ ބަދަލުތަކާ، ހަތިޔާރު އުފެއްދުން ފަދަ ދޭދޭ މަސްލަހަތު އެކުލެވޭ ކަންކަމުގައި ދެ ގައުމުގެ ލީޑަރުންވެސް މަޝްވަރާ ކުރެއްވި ކަމަށް ވައިޓްހައުސް އިން ހަބަރު ދެއެވެ.

ބައިޑަންގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ ނަތީޖާ ނެރެވެނިވި އުސޫލުތަކުން ސިޔާސަތުތައް ބައްޓަން ކުރުމަށް ކަމަށްވެސް ވައިޓްހައުސް އިން ބުނެއެވެ. ޗައިނާއާއެކު ކުރިއަށް ގެންދަވާ މަޝްވަރާތަކަކީ ބައިޑަން ވަރަށް ފަރުވާތެރިކަމާއެކު ކުރިއަށް ގެންދަވާ މަޝްވަރާތަކެއް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވަނީ އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން، ޗައިނާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރެއްވި ނަމަވެސް، އެ ފިޔަވަޅުތަކައިގެން ބައިޑަންގެ ސަރުކާރު ކުރިއަށް ނުދާނެ ކަމުގެ ސިގުނަލްވެސް ވަނީ ލިބިފައެވެ. އެގޮތުން، ޗައިނާއާ ގުޅޭ ވިޔަފާރީގެ ސިޔާސަތަށް ބަދަލުތަކެއް ގެންނާނެ ކަމަށާ، ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް އެ ސިޔާސަތު ކަޝްފުވަމުން ދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް ނަމަވެސް، އާލަމީ ގޮތެއްގައި ބަލައިގެންފައިވާ އިންސާނީ ހައްގުތަކާއި، އިންސާނީ ކަރާމާތާއި ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އެމެރިކާއިން ގެންގުޅޭ ޝިއާރަށް އުނިކަން ނުލިބޭނެ ފަދަ މޭރުމަކުން އެމެރިކާގެ ސުލޫކު ބައްޓަން ކުރާނެ ކަމަށްވެސް ބައިޑަން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.