ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާތިލް ކުރަން އެދުނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކަން ހާމަވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ގާޒީ ހަސަން ސައީދު ސޮއިކޮށްގެން ނެރުނު އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށް އެ އަމުރުގައި ބުނެއެވެ.

އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށް ވެސް ވެއެވެ. ހަމައެއާއެކު އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާގެ ޝަރީތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ހެކި ހުށަހަޅާފައެވެ. އަދި އަލީ ވަހީދު އެ ދައުވާތަކަށް ވަނީ އިންކާރުވެސް ކުރައްވާފައެވެ.

އަލީ ވަހީދަށް ކޮށްފައިވާ ދައުވާތަކަކީ:

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައިވަނީ އިއްޔެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.

އޭނާގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރައްވާފައިވާ ކަމުގެ ތުހުމަތު އެ މުވައްޒަފުން ކުރުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.

މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.