ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ބަންގްލަދޭޝް މީހަކު ފިލައިފިއެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ގާނޫނާ ހިލާފު ވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުރި ބަންގްލަދޭޝް އަށް ނިސްބަތްވާ އަސަނާ (32) އެސެންޓަރުން ފިލާފައިވާ ކަމަށެވެ.

އޭނާ ފިލާފައި ވަނީ މިރޭ 07:27 ހާއިރު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.

އެމީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އިމިގްރޭޝްގެ ނަންބަރު 9886125 ރިޕޯޓުކޮށް ދިނުން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ފިލާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން މިދިޔަ މަހު 23 ގައި ބޭސްފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ވަނީ ފިލާފައެވެ.

އޭގެ އިތުރުން މިދިޔަ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ ހިއްމަފުށީ އައްސޭރި ޖަލުންވެސް ގައިދީއަކު ފިލިއެވެ. އަދި މިދިޔަ ޖުލައި މަހު 11 ވަނަ ދުވަހުގެ ރޭ ދަންވަރު މާފުށީ ޖަލުން ފިލި ގައިދީއެއް ކަނޑުމަތިން އަތުލައިގެން އަނބުރާ ޖަލަށް ގެންދިޔަ ހާދިސާއެއްވެސް ހިނގާފައި ވެއެވެ.