މިއަހަރު ތެރޭ އިންޓަނެޓުގެ ސްޕީޑް މައްސަލަ ހައްލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބުރޫކު މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ދައްކަވަމުންނެވެ.
މަބުރޫކު ވިދާޅުވީ މި އަހަރު ތެރޭގައި އިންޓަނެޓު ތުރޮޓުލްވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އިންޓަނެޓް އަގު ހެޔޮ ކޮށްދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދެކެވެ. ނަމަވެސް ރައީސް ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރުވެފައިވާ އިރު އަދިވެސް އިންޓަނެޓް އަގު ހެޔޮކޮށް ނުދެއްވާތީ ގިނަ ބަޔަކު ދަނީ މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލަށް ކިޔަމުންނެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިރު މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން، އެ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވީ 14 މެންބަރުންނެވެ.