ހިޔާ ފްލެޓް ޔަގީން ވެފައިވާ ފަރާތްތަކަށް އަންނަ ޖޫން މަހުގެ ތެރޭ ވަދެވޭ ވަރުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު އެތަނުގައި ކުރިއަށް ދަނީ ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތްތައް އަންނަ މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އެހެންކަމުން އަންނަ ޖޫން މަހު މީހުންނަށް ފްލެޓަށް ވަދެވޭ ވަރު ވާނެ ކަމަށެވެ.
މީގެ ކުރިން އެ އެޕަޓްމަންޓަތަކަށް ސްޓަރަކްޗަރަލް ބަދަލުތަކެއް ގެންނަ ކަހަލަ ވާހަކައެއް ދެކެވިފައި ވީ ނަމަވެސް އެކަންކަން ނުކުރާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން އަންނަ ޖޫން މަހު އެ ފްލެޓްތައް ދޭއިރު ކުރިން ހުރި ސައިޒަށް ބަދަލެއް އައިސްފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހިޔާ މަޝްރޫގެ 7000 ފްލެޓް ދިނުމަށްޓަކައި އިއްޔެ ވަނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް އާންމު ކޮށްފައެވެ.
8 ކެޓަގަރީ އަކުން ދާއިމީ ލިސްޓު އާންމު ކޮށްފައި ވާއިރު، އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންގެ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައި ވާ މީހުންނަށް ހާއްސަ ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީއެވެ.
ސިޔާސީ ކުޅިވަރު ކުޅެން ހިޔާ ފްލެޓްތައްވެސް ލިބުނުކަން ކަލޭމެންގެ ނަސީބު. ޔާމީނަށް ޝުކުރު އަދާކޮށްބަލަ ދެންވެސް.