އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމާ މެދު ޗައިނާއާއި ޗައިނާގެ އަވަށްޓެރިންނާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި، އެމެރިކާގެ ކަނޑު އަސްކަރިއްޔާގެ 2 ފްލީޓަކުން ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ކޮންޓްރޯލް ކުރަމުން އަންނަ ރަށްތަކެއްގެ ކައިރީގައި އެމެރިކާއިން ކުރިއަށް ގެންދިޔަ ގުޅިފައިވާ އަސްކަރީ ތަމްރީނުތަކަކީ، ޒަމާންތަކަކަށް ދިގުލާ ގޮސްފައިވާ އެމެރިކާ-ޗައިނާ ކޯޅުންގަނޑަށް އިތުރުވި ބޮޅެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނީ، ތިއެޑޯ ރޫޒަވެލްޓް ކެރިއާ ސްޓްރައިކް ގުރޫޕާއި ނިމިޓްޒް ކެރިއާ ސްޓްރައިކް ގުރޫޕު ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތަކަކީ ދެ ފްލީޓެއް ގުޅިގެން ކުރިއަށް ގެންދަން ޖެހޭ އޮޕަރޭޝަންތަކަށް ތައްޔާރުވުމާއި، ކޮމާންޑް/ކޮންޓްރޯލް ގާބިލިއްޔަތުކަން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީނުތަކެއް ކަމަށެވެ.

މިއީ ޖުލައި 2020 އަށް ފަހު، މިހާ، ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި، 2 ފްލީޓެއް ބައިވެރިކޮށްގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށްވެސް އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާއިން މިފަދަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައި މިވަނީ، ޔޫއެސްއެސް ޖޯން އެސް މެކެއިން ޑިސްޓްރޯޔާ، ޗައިނާއިން ކޮންޓްރޯލް ކުރާ ޕާރެސަލް އައިލަންޑްސް ކައިރިން ދަތުރު ކުރި ކުރުން، ޗައިނާއިން ކުށްވެރި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެމެރިކާއިން ބުނި ގޮތުގައި މި ދަތުރަކީ، ނިޔެމިކަމުގެ މިނިވަން ކަމާ ގުޅޭ ކަމެއް ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ އިގުތިސޯދީ އަގަށް ބަލާއިރު، ބައިނަލްއަގުވާމީ ވިޔަފާރީގެ 5.3 ޓްރިލިއަން ޑޮލަރު ހުރަސް ކުރަނީ މި ސަރަހައްދުންނެވެ. އަދި މިއީ އެމެރިކާއާއި ޗައިނާއާ ދެމެދު ދިގުލާ ގޮސްފައިވާ ދެބަސްވުންތަކާ ގުޅިފައިވާ ސަރަހައްދެއްވެސްމެއެވެ.