ދީނުގެ ހުކުމްތައް ބަޔާންކުރުމަކީ އިލްމު އުނގެނިގެން ތިބި އިލްމުވެރިންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ މިއުޒިކަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް ކަމަކަށް މި ޒަމާނުގެ ދީނީ އިލްމުވެރިންނަށް ކަނޑައެއް ނޭޅޭނެ ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމް ދީނުގެ ހުކުމްތަކަށް އިހްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާ ވާޖިބެއް ކަމަށެވެ. އަދި ދީނުގެ ހުކުމްތައް ބަޔާންކުރުމަކީ ދީނުގެ އިލްމު އުނގެނިގެން ތިބި، ދީނީ ނަސޭހަތް ދިނުމާއި ވައުޒު ބުނުމުގެ ހުއްދަ ލިބިފައިވާ އިލްމުވެރިންގެ ޒިންމާއެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މެންބަރު އިމްތިޔާޒު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އިމްތިޔާޒް ވިދާޅުވީ ރޮކް މިއުޒިކަކީ ހަރާމް އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި މަނާ ކުރެވެން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިއެއް ކަމަށް ބުނާ ބޭފުޅަކު ވިދާޅުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އިމްތިޔާޒް ވަނީ ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް އިލްމުވެރިއަކަށް ބުނެވެންވީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި މިފަދަ ކަންކަން ދައުލަތުން ހުއްޓުވަން ވެސް ޖެހޭނެ ކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.

ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް އިލްމުވެރިއަކަށް ބުނެވެންވީ ކިހިނެއްތޯ؟ އަދި އެހެން ބައެއް މިއުޒިކަކީ ވެސް ހަރާމް އެއްޗެއް ކަމަށް ދައްކަން އެބަ މަސައްކަތް ކުރޭ، އަދި މި ގައުމުގައި މިއުޒިކް ކުޅޭ ޒުވާން ފަންނާނުންނަށް ހުރަސް އެޅުމަށް ވެސް އެބަ މަސައްކަތް ކުރަމުންދޭ، އެ ޒުވާނުން ހުރަސް އަޅަން ކުރާ ކަންކަމަށް ދައުލަތުން ފުރުސަތު ދީގެން ނުވާނެ
އިމްތިޔާޒް ފަހުމީ

އިމްތިޔާޒް ވަނީ އާޓިސްޓުންގެ އަގު ވަޒަން ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމީހުންނަށް އާމްދަނީ ލިބޭނެ ގޮތަކަށް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ވެސް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.