ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީީސީން ބުނީ އެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެވެސް 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 22،942 ސްކުއެއާ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 34.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ގައެވެ.