މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކަ އަކަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާތް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 102،107 އަށް އަރާފައެވެ. މީގެ ތެރެއިން 10،004 މީހުން ރާއްޖެ އައިސްފައި ވަނީ މިމަހު ފުރަތަމަ 4 ދުވަހެވެ. އަދި މިދިޔަ ޖެނުއަރީ މަހު 92،103 މީހަކު އައިސްފައި ވެއެވެ.

މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 22،178 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 20،027 ފަތުރުވެރިންނެވެ. އަދި 7،373 ފަތުރުވެރިންނާއެކު ޔޫކްރެއިން ލިސްޓުގެ ތިން ވަރައިން ޖާގަ ހޯދާފައި ވާއިރު، ކަޒަގަސްތާނު، ރޯމޭނިއާ، ފްރާންސް، ޖާމަނީގެ އިތުރުން ޔޫކޭ، ޒެކް ރިޕަބްލިކް އަދި ޔޫއެސްއޭ ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ މިހާތަނަށް ބަލާލާއިރު، ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 193،697 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު 102،107 ގައި އުޅޭއިރު، ކޮވިޑްގެ ސަބަބުން މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ އެއްކޮށް ހެން ހުއްޓިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 2،917 ފަތުރުވެރިން އާދެއެވެ.

2020 ވަނަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ފަތުރުވެރިކަމުގެ ރަން އަހަރު 2022" ކައުންޓްޑައުން ވަނީ ފަށާފައެވެ.