ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ ކުންފުނިން ތަރައްގީ ކުރި ވެކްސިން، ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދައަކަށް އެދި، އެކުންފުނިން އިންޑިއާއަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފިއެވެ.

އިނގިރޭސިވިލާތާއި ބަހްރައިންއިން ހުއްދަ ލިބުމަށްފަހު އިންޑިއާއިންވެސް އެމާޖެންސީ ޔޫޒްގެ ހުއްދައަކަށް ފައިޒާ ކުންފުނިން އެދުނު އިރު، ފައިޒާ ކުންފުންޏަކީ އިންޑިއާގެ ހުއްދައަކަށް އެދި ހުށަހެޅި ފުރަތަމަ ކުންފުނިކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމަށް ނިންމިކަން ބަޔާން ކުރައްވަމުން ފައިޒާ ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާއެކު ފެބުރުއަރީ 3 ވަނަ ދުވަހު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށެވެ. މި މަޝްވަރާތަކުން ދޭހަވި ގޮތުގައި، އިންޑިއާގެ ރެގިއުލޭޓަރަށް، ވެކްސިނާ ބެހޭ އިތުރު މައުލޫމާތު ބޭނުންވެއެވެ. ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިޔައީ މި ސަބަބާ ހެދި ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ކައިރި މުސްތަގުބަލެއްގައި، ވެކްސިނާ ބެހޭ އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް އިންޑިއާގެ ހުއްދައަކަށް އެދި އަލުން ހުށަހަޅާނެ ކަމަށްވެސް ފައިޒާ ކުންފުނީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ސަރުކާރުން ބޭނުން ކުރުމަށް ފައިޒާގެ ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ފައިޒާ ކުންފުނިން ވަނީ ބުނެފައެވެ.

އިންޑިއާގައި ފައިޒާ ވެކްސިން ވިއްކުމުގެ ހުއްދައަކަށް އެދި ފައިޒާ ކުންފުނިން ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުއެވެ. މި ހުއްދައާއެކު އިންޑިއާގައި އިތުރު ޓަރަޔަލްތަކެއް ކުރިއަށް ނުގެންގޮސް، ފައިޒާއަށް އިންޑިއާގެ ބާޒާރު ހުޅުވިގެން ދިޔައީހެވެ.

މައިނަސް 70 ޑިގްރީޒް ސެންޓިގްރޭޑްގައި ގުދަން ކުރަންޖެހޭ ފައިޒާގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ މި ވެކްސިން، 44 ހާސް މީހުންގެ ހަށިގަނޑުގައި ޓެސްޓު ކުރުމަށް ފަހު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި އާންމު އުސޫލުން ދަނީ ބޭނުން ކުރަމުންނެވެ.