ރެޕިޑް އެންޓިޖެން ޓެސްޓު ބޭނުންކޮށް ކޮންމެ ހަފުތާއަކުވެސް ހުރިހާ ދަރިވަރުންނާއި މުއްދަރިއްސުންނާއި މުވައްޒަފުން ސްކްރީން ކުރާނަމަ، ސްކޫލް ވެށިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވިދާނެ ކަމަށް ބުނާ، އާ ދިރާސާއެއް އާންމު ކޮށްފިއެވެ.

ރޮކާފެލާ ފައުންޑޭޝަންއާއި ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާއަށް ބަލާއިރު، ރެޕިޑް އެންޓިޖެން ޓެސްޓު ބޭނުން ކޮށްގެން، ކޮންމެ ހަފުތާއަކުވެސް ހުރިހާ ދަރިވަރުންނާއި މުއްދަރިއްސުންނާއި މުވައްޒަފުން ސްކްރީން ކުރާނަމަ، ހައި-ސްކޫލްތަކުން ބަލި ފެތުރޭ މިންވަރު 50 ޕަސެންޓް، އަދި ޕްރައިމަރީ ސްކޫލްތަކުން 35 ޕަސެންޓް ދަށް ކުރެވެއެވެ.

ހައި ސްކޫލްތަކުން ބަލި ފެތުރޭ މިންވަރުގެ ފަރަގު ބޮޑުވަނީ، މަތީ ގުރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ ކޮންޓެކްޓުން ގިނަ ވެފައިވާ، އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް ބަލި ފަތުރާ މިންވަރު އިތުރުވުމުން ކަމަށްވެސް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

ޕައިލެޓް ޕްރޮޖެކްޓް އުސޫލުން މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ 6 ސިޓީއެއްގައެވެ. ކިންޑާގާޓަންއިން ފެށިގެން ގުރޭޑް 12 އަށް ކިޔަވާ ދޭ ސްކޫލްތަކަށް 20000 ރެޕިޑް އެންޓިޖެން ޓެސްޓު ކިޓު ފޯރުކޮށްދީގެންނެވެ. މި ދިރާސާއަށް މައުލޫމާތު އެއްކުރީ އޮކްޓޯބަރު 2020 އިން ޑިސެމްބަރު 2020ގެ ނިޔަލަށެވެ.

ދިރާސާގައި ބައިވެރިވި ސްކޫލްތަކުން ކޮވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސީ، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީއާއި ޑިއުކް-މާގޯލީސް ސެންޓާ ފޮރ ހެލްތު ޕޮލިސީއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ.

ޓެސްޓު ކުރާނެ މުއްދަތާއި، ޓެސްޓު ކުރާނެ ތަނަކާ، ޓެސްޓު ކުރާނެ މުވައްޒަފުންނާއި ދަރިވަރުން ކަނޑައެޅީ ސްކޫލްތަކުންނެވެ.

މަހަކަށް އެއްފަހަރު ޓެސްޓު ކުރުން ކުރިއަށް ގެންދިޔަ ސްކޫލްތަކަށް ބަލާއިރު ބަލި ފެތުރުނު މިންވަރު ދަށްވީ 5 ޕަސެންޓަށެވެ. ކޮންމެ 2 ހަފުތާއަކުން ޓެސްޓު ކުރުމުން، 20 ޕަސެންޓަށް މިއަދަދު ދަށް ކުރެވުނެވެ. ހަމައެކަނި ޓީޗަރުންނާއި ސްޓާފުން ޓެސްޓު ކުރުމުގެ މާ ބޮޑު ފައިދާއެއް ނެތް ކަމަށާ، މިފަދަ ގޮތަކަށް ޓެސްޓު ކުރުމުގެ ފައިދާ ބޮޑުވަނީ، އެއް ކުލާހަށްވުރެ ގިނަ ކުލާހަށް ދާ ދަރިވަރުން އުޅޭ ގުރޭޑްތަކުގައި ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ.

6 ފޫޓުގެ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމުން ބަލި ފެތުރުނު މިންވަރު 88 ޕަސެންޓް ދަށް ކުރެވިފައި ވާ ކަމަށާ، މާސްކު އެޅުމުގެ ސަބަބުން 40 ޕަސެންޓަށް ދަށް ކުރެވުނު ކަމަށްވެސް ދިރާސާގައި ބަޔާންކޮށްފައި ވެއެވެ.