އިންޑިއާގެ ފަރާތުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން 5 މަޝްރޫއުގެ ކޮންޓްރެކްޓް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް ލަފާ ކޮށްފިއެވެ.

އިންޑިއާގެ ފަރާތުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން 5 މަޝްރޫއުގެ ޓެންޑަރިން މަރުހަލާގެ މަސައްކަތް ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ފައިނޭންސްގެ ދަށުން ކުރިއަށް ދާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އަދި ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ މަޝްރޫއުތަކަކީ:

  • ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު
  • އައްޑޫ ސިޓީ ޑިވެލޮޕްމެންޓް މަޝްރޫއު
  • ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމް މަޝްރޫއު
  • ގުޅީފަޅު ޕޯޓް މަޝްރޫއު
  • ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި 5 މަޝްރޫއުގެ އިތުރުން އިންޑިއާގެ 137 އެއާޕޯޓު ހިންގާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ފަރާތުން، ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ގުޅޭ 'ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް' ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށާއި އެއަށް ފަހު ދެގައުމު ގުޅިގެން މި މަޝްރޫއުއަށް އީ.ޕީ.ސީ ކޮންޓްރެކްޓަރުން ހޮވުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތައް ފުޅާކޮށް ތަރައްގީ ކުރުމާއި ބެހޭ މަޝްރޫއުގެ 'ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް' ވެސް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި މި މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ސްޓްރަކްޗާ ކުރެވިފައި ވަނީ ހާމަކަން ބޮޑުކޮށް، 1.75 އިންސައްތަ އިންޓްރެސްޓް ހިމެނޭހެން، 5 އަހަރުގެ މޮރެޓޯރިއަމް އަކާ އެކު، އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތަކާއި އެކުގައި ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. އިންޑިއާގެ އެހީތެރިކަމުގެ ދަށުންނާއި އެގްޒިމް ބޭންކްގެ ޕާޓްނަޝިޕް އާއެކީ ކުރިއަށް ގެންދާ މަޝްރޫއުތައް ހިންގާނީ ތަޖުރިބާކާރު އަދި ފަންނީ ގާބިލުކަން ހުންނަ ކުންފުނިތަކުން ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ. އަދި މި މަޝްރޫއުތަކުގެ ޓެންޑަރިންގެ މަރުހަލާ ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއެކު ދިވެހި ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިވަގުތު އިންޑީއާގެ 3 އެލް.އޯ.ސީ އެއްގެ ދަށުން މުޅި ޖުމްލަ 1240 މިލިއަން ޑޮލަރުގެ އަގުހުރި 9 މަޝްރޫއުއެއް ދެގައުމު ގުޅިގެން އަންނަނީ ހިންގަމުންނެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ގިނައީ ކަނެކްޓިވިޓީ އަދި އިންފްރާސްޓްރަކްޗާ ޑޮމެއިންގެ މަޝްރޫއުތަކެވެ.