މި އަހަރު ތެރޭ ރާއްޖޭގެ 5 ރަށެއްގައި އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރުމަށް ގަސްތު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ތަރައްގީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލުން ކަމަށާއި މި މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްތު ކުރައްވާ ކަމަށެވެ. އޭގެ ތެރެއިން، މ. މުލީގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށާއި ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ތެރޭ ހއ. ހޯރަފުށީ އެއާޕޯޓު ވަނީ ހުޅުވާފައެވެ. އަދި އެ އެއާޕޯޓުން މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

ދަތުރު ފަތުރުގެ ނިޒާމުގެ ދަށުން ދަތުރުވެރިންނާއި މުދާ އުފުލާ ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ، ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށަން ގަސްތު ކުރި ނަމަވެސް ކޯވިޑްގެ ސަބަބުން އެކަން ހުއްޓިފައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހު، އެމަސައްކަތް ވާނީ އެމްޓީސީސީއާ ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް ކުރިއަށް އޮތް 6 މަސްތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.