މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ވެސް މަތީ ތަޢުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުސަތު ހުޅުވައިލި ކަމަށާއި، މިހާރު އެ އަދަދު 770 އަށް އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި މި ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިތުރުކުރި ލޯނުގެ ފުރުސަތުތަކަކީ، އިގްތިސޯދު އާރާސްތު ކުރުމަށްޓަކައި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށް އިސްކަން ދީގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހާއްސަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާނެ ކަމަށެވެ. އަދި އެއީ ޒުވާނުން ބިނާ ކުރުމުގަޔާއި، ގައުމު އާރާސްތު ކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑުގެ ސަބަބުން އިގްތިސާދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތުވެސް، މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާ ނުލައި ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި ފުރަބަންދުގެ ހާލަތުގައި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައިދިނުމަކީ ގައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ ކަމަށެވެ.
އެހެންކަމުން އެކަމުގައި ވަރަށް ދީލަތި އެއްބާރުލުމެއް ދިން، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި އެންމެހައި މުދައްރިސުންނަށް އަދި އެންމެހައި ބެލެނިވެރިންނަށް ރައީސް ސޯލިހް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.