ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން، 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވައި ދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، ސައްހަ ލިޔެކިއުން ނެތް 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ގައުމަށް ފޮނުވާލި އިރު، ލިޔެ ކިއުން އޮތް މީހުންގެ ތެރެއިން އަމިއްލައަށް އެދިގެން 8000 އަށް ވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ޕްރޮގްރާމް މިއަހަރު ވެސް ކުރިއަށް ދާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އިޖްތިމާއީ ދާއިރާގައި ހުރި ކުށުގެ ތެރެއިން އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ބަޔަކު ގަސްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެފަދަ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރީ ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމިއްލައަށް އެދިގެން 16،000 އަށްވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހް އިތުރާށް ވިދާޅުވީ އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާ ކަމަށެވެ. އޭގެ ތެރެއިން އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ގާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.