ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި ހުޅުމާލޭ ފިޔަވަތީގައި، ވަރަށް ނިކަމެތި ހާލަތެއްގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ތިބި ކަމަށާއި ބ. އޭދަފުއްޓާއޮ ށ. ފުނަދޫއާއި ފުވައްމުލަކުގައި ގާއިމް ކުރި އަމާން ވެއްޓަށް 51 ކުއްޖަކު ބަދަލުކޮށްފައި ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ބޔާން އިއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުން ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި ހުޅުމާލޭ ފިޔަވަތީގައި، ވަރަށް ނިކަމެތި ހާލަތެއްގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ތިބި ކަމަށެވެ. އެކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ފަރާތުން، ބައެއް ކުދިންނަށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ވެސް ލިބިފައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެމައްސަލަތައް މިހާރު މިއަންނަނީ ތަހުގީގުކޮށް ބަލަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ކުދިންނަށް އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް، މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ފަށާފައި ކަމަށާއި އެ ގޮތުން ބ. އޭދަފުއްޓާއި ށ. ފުނަދޫ އަދި ފުވައްލުމަކުގައި ގާއިމުކުރި އަމާން ވެއްޓަށް 51 ކުއްޖަކު މިހާރު ވާނީ ބަދަލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިބަދަލުގެ ސަބަބުން، އިޖްތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ފަހުރުވެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި މުޅިން އަލަށް އެލްޑަލީ ވިލެޖެއް އައްޑު އަތޮޅުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.