މިފްކޯއަށް މިދިޔަ އަހަރު 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދީފައި ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ އަހަރަކީ، ފާއިތުވި 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންނެ ގިނައިން މަސް ގަތް އަހަރު ކަމަށެވެ. އަދި މިފްކޯއަށް މަސް ގަންނަ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 ޕަސަންޓް އިތުރު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުން މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ހަމައެއާއެކު، މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލާފައި ވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން، ގައުމުގެ ފަތުރުވެރިކަމާއި އިގްތިސޯދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރު ވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު، މިހާރު ވާނީ އާންމުކޮށް ހުޅުވާލާފައި ކަމަށެވެ.