ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެކްސިން ކެމްޕޭން ފަށާފައި ވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ހުޅަނގު އައްސޭރީގައި ކޮވިޑް ވެކްސިން ކެމްޕޭން ފަށާފައިވަނީ އިސްރާއީލުން ފޯރުކޮށްދިން 2000 ޑޯޒްގެ ވެކްސިނާއެކުގައި ކަމަށް ހަބަރު ލިބެއެވެ. މިއީ އިސްރާއީލުން ފޯރުކޮށްދޭނެ ކަމަށް ވައުދުވީ 5000 ޑޯޒްގެ ތެރޭގައި ހިމެނޭ ޝިޕްމަންޓެކެވެ.

ފަލަސްތީނުގެ ކޮވިޑް ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ މޮޑާނާއިން ތަރައްގީ ކުރި ވެކްސިނެވެ. ކެމްޕޭންގެ ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ހިދުމަތްތެރިންނަށެވެ.

ފަލަސްތީނުގައި ކޮވިޑް-19އަށް ޓެސްޓު ކުރާ ލެބެއްގައި ސިއްހީ ހިދުމަތްތެރިއެއް ހަރަކާތްތެރި ވަނީ / ފޮޓޯ: އައްބާސް މުއުމިނީ

އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ފަލަސްތީނަށް އިސްރާއީލުން ވެކްސިން ފޯރުކޮށްދިނުމަކާ ނުލާ، އިސްރާއީލުގެ ރަށްވެހިންނަށް ވެކްސިން ދެމުން ދިއުމުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި އިސްރާއީލަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އދ ފަދަ އިއްތިހާދުތަކުން ވަނީ އިސްރާއީލަށް ފިއްތުންތައްވެސް ކުރިމަތިކޮށްފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު މާއީ އަލް-ކައިލާ ވިދާޅުވީ، ގައްޒާއަށްވެސް ވެކްސިން ޑޯޒްތައް ފޮނުވުމަށް ހަމަޖެހިފައި ވާ ކަމަށެވެ. ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރަމުން އަންނަ ގައްޒާގައިވެސް ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް ބަލާ ގައްޒާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: އީޕީއޭ

ފަލަސްތީނުން މީގެ ކުރިން ވަނީ ކޮވިޑް ވެކްސިން ހޯދުމަށް 4 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާފައި ވާ ކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ރަޝިއާއިން ތަރައްގީ ކުރި ސްޕަޓްނިކް-5 ހޯދުމަށްވެސް އެއްބަސްވުން އެކުލަވާލި ކަމަށް ހަބަރު ލިބެއެވެ.

ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިންވެސް ފްރަންޓްލައިންގައި ހިދުމަތް ކުރާ މީހުންގެ އަދަދު 12000 އަށް ވުރެ މައްޗަށް އަރާއިރު، 5000 ޑޯޒްގެ ވެކްސިނަކީ، ބޭނުން ޖެހިފައިވާ މިންވަރާ ގާތްވެސް ކުރާ މިންވަރެއް ނޫން ކަން ފާހަގަ ކުރަން ޖެހެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، ވެކްސިން ކެމްޕޭން ހިންގުމުގައި އިސްރާއީލުން ގެންގުޅޭ އިންސާފުން އެއްކިބާވެފައިވާ، ހުދުމުހުތާރު އުސޫލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.