އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އާސަނަލާއި ވުލްވްސް ވާދަކުރި މެޗު، ފަހަތުން އަރާ ދެލަނޑު ޖަހާ 1-2 އަކުން ވުލްވްސް ކާމިޔާބުކޮށްފިއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން ވުލްވްސް މޮޅުވި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސަނަލުންނެވެ. 32 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޕެޕޭއެވެ. ލީޑު ފުޅާ ކުރާނެ ގިނަ ފުރުސަތުތަކެއް ވެސް އާސަނަލްއަށް ލިބުނު އިރު މެޗުގެ އޮއިވަރު ބަދަލުވީ ފުރަތަމަ ހާފްގެ ނިމެންދަނިކޮށް ވުލްވްސްއަށް ލިބުނު ޕެނަލްޓީއާއެކު އެވެ. މި ޕެނަލްޓީ އެޓީމަށް ލިބުނީ އާސަނަލްގެ ޑިފެންޑަރު ޑޭވިޑް ލުއީޒް ވުލްވްސްގެ ފޯވަޑް ވިލިއަން ހޯސޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ރެފްރީ ވަނީ ލުއީޒަށް ސީދާ ރަތް ކާޑެއް ވެސް ދައްކާފައެވެ. ވުލްވްސްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ފޯވަޑް ޕެޑްރޯ ނެޓޯއެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުން އައި އާސަނަލްއާ ދެކޮޅަށް އިތުރު ލަނޑެއް ޖަހާ ވުލްވްސްއިން ލީޑު ނެގީ ދެވަނަ ހާފް ފެށިތާ މާގިނަ އިރުތަކެއް ނުވައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރުން މިޑްފީލްޑަރު މާޓީނިއޯއެވެ.
މެޗުގައި އާސަނަލްއިން އިތުރު ލަނޑެއް ޖަހާ ސްކޯ ހަމަހަމަ ކުރާނެ ކަމަށް ބެލެވުނު އިރު އާސަނަލްގެ ޕެނަލްޓީ އޭރީއާގެ ބޭރުން ބޯޅައިގައި އަތްލައިގެން އެޓީމުގެ ކީޕަރު ލެނޯއަށް 72 މިނެޓްގައި ދެއްކި ސީދާ ރަތް ކާޑުގެ ސަބަބުން އާސަނަލްއަށް 9 ކުޅުންތެރިންނާއި އެކު މެޗު ނިންމަން މަޖްބޫރުވިއެވެ. އަދި ސްކޯ އެއްވަރުކުރަން ލަނޑު ޖެހުމަށް މަސައްކަތް ކުރުން ހުއްޓާލާ އާސަނަލްއިން ދެން ބެލީ މި ސްކޯލައިނާއި އެކު މެޗު ނިންމޭތޯއެވެ.
ރޭގެ މެޗުގައި އާސަނަލް ބަލިކުރި ނަމަވެސް ވުލްވްސް އަދި ވެސް އޮތީ ކުޅުނު 22 މެޗުން 26 ޕޮއިންޓް ލިބިގެން ތާވަލުގެ 14 ވަނައިގައެވެ. އާސަނަލް އޮތީ ތާވަލުގެ 10 ވަނައިގައެވެ.