އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތްހެމްޓަން ވާދަ ކުރި މެޗު 9-0 ގެ ބޮޑު ތަފާތަކުން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ސީޒަންގައި ހަމަ މިސްކޯލައިނުން ލެސްޓާ އަތުން ބަލިވި ސައުތްހެމްޓަން އަށް ރޭގެ މެޗު ގެއްލުނީ މެޗު ފެށިތާ ދެވަނަ މިނެޓްގައި އެޓީމުގެ އެލެކްޒެންޑާ ޖެންކަވިޓްޒްއަށް ދެއްކި ސީދާ ރަތް ކާޑާއި އެކު މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއި އެކު ކުޅެން ޖެހުމުންނެވެ.

ޔުނައިޓެޑްގެ ތަފާތު 7 ކުޅުންތެރިން ރޭގެ މެޗުގައި އެޓީމަށް ލަނޑު ޖަހާދިން އިރު ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ޖެހީ ޑިފެންޑަރުު ވެން ބިސާކާއެވެ. އެއަށް ފަހު 25 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑްގެ ރީތި ލަނޑެއް ފެނުނު އިރު ސައުތްހެމްޓަންގެ ޑިފެންޑަރު ޔެން ބެޑްނެރެކްގެ އަތުން ބައިކޮޅަށް ވަތް ގޯލާއި އެކު ސްކޯ 3-0 އަކަށް ވިއެވެ.

މެޗުގެ 34 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފޯވަޑް އެޑިންސަން ކަވާނީ ޖެހި ލަނޑާއެކު ފުރަތަމަ ހާފް އެޓީމުން ނިންމާލީ 4-0 ގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފް ފެނިގެން މާ މޮޅު ކުޅުމެއް ފެނިފައި ނުވާ އިރު މެޗުގައި ދެން އިތުރު ލަނޑެއް ނުފެންނާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް މެޗުގެ ފަހު 21 މިނެޓްގައި ޔުނައިޓެޑުން ވަނީ އިތުރު 5 ލަނޑު ޖަހާ ސްކޯ 9-0 އަކަށް ހަދާފައެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑްގެ ފޯވަޑް އެންތޮނީ މާޝިއަލް ދެލަނޑު ޖެހި އިރު ސްކޯޓް މެކްޓޮމްނީ އަދި ޑޭން ޖޭމްސް ވެސް ވަނީ ޓީމަށް ލަނޑު ޖަހާދީފައެވެ. އަދި މެޗުގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބްރޫނޯ ފަނާންޑޭޒް ވެސް ވަނީ ސްކޯ ޝީޓަށް އަރާފައެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ލިބުނީ އޭރިއާ ތެރެއިން ސައުތްހެމްޓަންގެ ޑިފެންޑަރު ބެޑްނެރެކް ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލަށް އޭނާއަށް ވެސް ވަނީ ރެފްރީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ބޮޑު ތަފާތަކުން ރޭގެ މެޗުން މޮޅުވުމާއެކު ޔުނައިޓެޑް މިވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ސިޓީ މިވަގުތު އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުން ކަމަށްވާ އިރު ދެ ޓީމަށް ވެސް މިހާރު ލިބިފައިވަނީ 44 ޕޮއިންޓެވެ.

މިސީޒަންގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކަމުން އައި ސައުތްހެމްޓަން ރޭގެ މެޗުން ދަށްވެ ވަނީ ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ.