ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ ކޮރޯނާވައިރަހުގެ އާ ވެރިއަންޓް، ރާއްޖޭގައިވެސް ދައުރުވާ ކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފިއެވެ.

ހެލްތު އެމަޒޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ހަވީރުގެ ވަގުތެއްގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހާއްސަ ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާ ސިއްހީ ތަޖުރިބާކާރު ޑރ ޝީނާ މޫސާ ވަނީ، ރާއްޖެއިން މިދުވަސްވަރު ކުއްލި ގޮތަކަށް ކޭސް އިތުރުވަމުންދާ އެއް ސަބަބަކީ އާ ވޭރިއަންޓް ފެތުރުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، މިހާރު ފެންމުންދާ ކޭސްތަކުގެ 30 ޕަސެންޓް ހިއްސާ ކުރަނީ އާ ވޭރިއަންޓްތައް ކަމަށް ޑރ ޝީނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިވަގުތު މި ވޭރިއަންޓް ފެތުރިފައި ވަނީ މާލޭ ސަރަހައްދާއި ފަތުރުވެރި މަންޒިލްތަކުގައި ކަމަށްވެސް އެޗްއީއޯސީގެ ޕްރެސްގައި ވަނީ އިޝާރާތް ކުރައްވާފައެވެ. މިކަން ދެނެގެންފަައި ވަނީ، އެކަމަށް ހާއްސަ ކިޓްތަކެއް ބޭނުންކޮށްގެން ހެދި ޓެސްޓުތަކަކުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވަނީ، ކޭސް އިތުރުވަމުން ދިއުމަކި އާ ވޭރިއަންޓް ފެތުރިގެން ދިއުން އެކަށީގެންވާ ސަބަބަކެއް ކަން ފާހަގަ ކުރައްވާފައެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަން އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ރިޕޯޓް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުން ފެނުނު ވޭރިއަންޓެއް ކަންވެސް އިނގިރޭސިވިލާތުން ވަނީ ފާހަގަކޮށްފައެވެ. އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓާ ގުޅިގެން، އިނގިރޭސިވިލާތުން އަންނަ މީހުން ކަރަންޓީނު ކުރުމަށް ރާއްޖޭގައި ޕްރޮޓޮކޯލްތަކެއް ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް، މި ވޭރިއަންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 އަށް ވުރެ ގިނަ މަންޒިލަށް ފެތުރިފައިވާ ވޭރިއަންޓަކަށް ވެފައި، ހުސްވި އަހަރުގެ ފަހުކޮޅު ދަތުރުފަތުރާއި ކަރަންޓީނަށް ދެވުނު ލުއިތަކާއެކު މި ވޭރިއަންޓް ފެތުރިގެން ދިއުމަށް ފުރުސަތު ތަނަވަސްވިކަން ފާހަގަ ކުރަންޖެހެއެވެ.

އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި ފެތުރެމުންދާ ވޭރިއަންޓެކެވެ. ނަމަވެސް މިއީ ފުރާނައަށް ކިހާ ނުރައްކާ ވޭރިއަންޓެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.