ކޮވިޑާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ ހާލަތު އަދި ވެސް ރާއްޖޭގައި (ވަކިން ހާއްސަކޮށް މާލޭގައި) ކޮންޓްރޯލް ކުރެވިފައި ނުވާތީ، އެ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މި ގޮތުން އެ ޔުނިވާސިޓީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން، ވަކި ގޮތެއް އަންގަންދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސް ތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު އެކަމާ ގުޅިގެން އަޅަމުން ދާ ފިޔަވަޅުތައް ވެސް އަންނަނީ ވަރުގަދަ ކުރަމުނެވެ.

މިދިޔަ މަހުގެ 27 ފެށިގެން ވަނީ މާލެ ސަރަހައްދުގައި ކާފިއު އަނެއްކާ ވެސް އިއުލާން ކޮށްފައެވެ. އެގޮތުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު ވަގުތު ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ފަތުރުވެރިން ފިޔަވާ އެންމެން މިހާރު ވަނީ ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ.

ކޮވިޑް ޕޮޒިޓިވް އަދަދު އިތުރުވަމުން ދާއިރު، އިއްޔެ ރާއްޖޭގައި ވަނީ ކޮވިޑް ވެކްސިން ދޭން ފަށާފައެވެ.