ކޮލަމްބޯ ޕޯޓް ސަރަހައްދުގައި އީސްޓް ކޮންޓޭނާ ޓާމިނަލް (އީސީޓީ) ތަރައްގީ ކުރުމަށް 3 ގައުމު ބައިވެރިވެގެން 2019 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމަށް އިހުތިރާމް ކުރުމަށް އިންޑިއާއިން ސްރީލަންކާއަށް ގޮވާލައިފިއެވެ.

އިންޑިއާއާއި ސްރީލަންކާގެ އިތުރުން ޖަޕާނުވެސް ބައިވެރިވާ އީސީޓީ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް އިންޑިއާއިން ގޮވާލިއިރު، ލަންކާގެ ވަޒީރުންގެ މަޖިލީހުން ވަނީ، ކޮލަމްބޯ ޕޯޓްގެ އީސްޓް ކޮންޓޭނާ ޓާމިނަލަކީ، ސްރީލަންކާ ޕޯޓް އޮތޯރިޓީ (އެސްއެލްޕީއޭ)ގެ 100 ޕަސެންޓް ކޮންޓްރޯލް ގެ ދަށުގައި އޮންނަ ތަނެއް ކަމުގައި ކަނޑައެޅުމަށް، ސާފު އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

ކޮޅުނބުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ ތަރުޖަމާނަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، 2019 ވަނަ އަހަރުގެ މެއި މަހު ސޮއިކުރި އީސީޓީ އެއްބަސްވުމަށް، ވީ އެންމެ އަވަހަކަށް ލަންކާއިން އަމަލު ކުރަން ފެށުމަކީ އިންޑިއާ ސަރުކާރުގެ އެދުމެކެވެ. އަދި އީސީޓީ ތަރައްގީ ކުރުމުގައި 3 ގައުމުގެ ހިއްސާ އެކުލެވޭނެ ގޮތް ހެދުމަށްވެސް އިންޑިއާ ސަރުކާރުން އެދޭ ކަމަށްވެސް ހަބަރު ލިބެއެވެ.

އިންޑިއާ، ޖަޕާން އަދި ލަންކާ ބައިވެރިވެގެން އީސްޓް ކޮންޓޭނާ ޓާމިނަލް ތަރައްގީ ކޮށް، އޮޕަރޭޓް ކުރުމުގެ މަޝްރޫއު ހިންގުމަށް އެއްބަސްވުން އެކުލަވާލީ، ލަންކާގެ ކުރީގެ ސަރުކާރުން، މައިތިރިޕާލަ ސިރިސޭނާއާއި ރަނީލް ވިކްރަމަސިންހަގެ ވެރިކަމުގައެވެ. މި އެއްބަސްވުން ބުނާ ގޮތުން، އީސީޓީގެ ބޮޑު ހިއްސާއެއް އޮންނާނީ ލަންކާގެ ޕޯޓް އޮތޯރިޓީއަށެވެ. ބާކީ އޮތް ހިއްސާ ބަހާނީ އިންޑިއާއާއި ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކުގެ މެދުގައެވެ.

3 ގައުމު ބައިވެރިވެގެން ކޮލަމްބޯ ހާބަރު ސަރަހައްދުގައި ތަރައްގީ ކުރާ ޑީޕް-ސީ ޓާމިނަލްގެ 51 ޕަސެންޓް ހިއްސާ ކުރާނީ ލަންކާ ސަރުކާރުންނެވެ. އަނެއް 49 ޕަސެންޓަކީ އިންޑިއާގެ އަދާނީ ގުރޫޕާއި ޖަޕާން ފަދަ އެހެންވެސް ސްޓޭކްހޯލްޑަރުންގެ ހިއްސާއެވެ.

އިންޑިއާ، ޖަޕާން އަދި ސްރީލަންކާ ބައިވެރިވާ އީސްޓް ކޮންޓޭނާ ޓާމިނަލްގެ މަސައްކަތް، ލަންކާގެ ކުރީގެ ސަރުކާރުން މަޑުޖައްސާލާފައި އޮތީ ވިޔަފާރިވެރިންގެ އިއްތިހާދުން އެކަމާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ. ނަމަވެސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ، މިމަޝްރޫއު ކުރިއަށް ގެންދަވާނެކަން އިއުލާން ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ލަންކާގެ ބޮޑު ވަޒީރު، މަހިންދަ ރާޖަޕަކްސަ ވަނީ، ޓާމިނަލާ ގުޅޭ އެއްވެސް ހިއްސާއެއް، ބޭރުގެ އެއްވެސް ފަރާތަށް ނުވިއްކާނެ ކަމަށާ، ކުއްޔަށްވެސް ދޫ ނުކުރާނެ ކަމުގެ ޔަގީންކަން، ލަންކާގެ މަސައްކަތްތެރިންގެ ޔޫނިއަންއަށް ދެއްވާފައެވެ. ނަމަވެސް، ބޭރުގެ އިންވެސްޓަރުންނާއެކު މި މަޝްރޫއު ހިންގައިގަތުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން ނިންމީވެސް މީގެ 3 މަހެއްހާ ދުވަސް ކުރިން ކަން ފާހަގަ ކުރަންޖެހެއެވެ.

ގޮތަބާޔާ ރާޖަޕަކްސަގެ އޮފީހުން ބުނީ، މި މަޝްރޫއާއިގެން ކުރިއަށް ދިއުމަށް ރުހުން ދީފައި ވާނީ، ސަރަހައްދީ ފެންވަރުގައި އޮތް ޖިއޮގްރަފިކް އިސްތިރާޖީ ކަންބޮޑުވުންތައް މުރާޖާ ކުރުމަށް ފަހުގައި ކަމަށެވެ. މި ހާލަތުގައި ލަންކާއިން އިޝާރާތް ކުރާ ޖިއޮގްރަފިކް އިސްތިރާޖީ ކަންބޮޑުވުމަކީ، ބަނދަރު ސަރަހައްދުގައި ޗައިނާއިން އަދާ ކުރަމުން އަންނަ ދައުރާ މެދު އިންޑިއާއިން އުފައްދަމުންދާ ނުތަނަވަސް ކަމެވެ.