މިދިޔަ މަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 92،103 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 92،103 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 173874 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 41 ފަސަންޓް ދަށް އަދަދެކެވެ.

ތަފާސު ހިސާބުތައް ދައްކާ ގޮތުން މިމުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 20،973 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 19،135 ފަތުރުވެރިންނެވެ. އަދި 7،210 ފަތުރުވެރިންނާއެކު ޔޫކްރެއިން ވަނީ ލިސްޓުގެ ތިން ވަނައިން ޖާގަ ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 2،880 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

2020 ވަނަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ފަތުރުވެރިކަމުގެ ރަން އަހަރު 2022" ކައުންޓްޑައުން އެއް ވަނީ ފަށާފައެވެ.